ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ބީއެމްއެލް އިން މަލީހާ އަށް އަލުން ވަޒީފާ ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް، އަލުން ވަޒީފާ ދޭން ސުޕްރީމް ކޯޓުން އެންގި މަލީހާ ޖަމާލަށް އެ ބޭންކުން އަލުން ވަޒީފާ ދީފި އެވެ.
މަލީހާ، ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑްގެ މަގާމުގައި ހުއްޓައި ޖޫން، 2013 ގައި ވަޒީފާ އިން ވަކިކުރީ އޭނާ އާއި އިތުރު ބަޔަކު އޮގަސްޓް، 2012 ގައި ކުރި ދަތުރެއްގެ ޚަރަދު އަނބުރާ ހޯދުމުގައި ނުކުރާ ޚަރަދުތަކެއް ހޯދަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މަލީހާ އަށް ފަހުގެ އިންޒާރު ދޭން ބޭންކުން ނިންމުމަށް ފަހު ނިންމީ އޭނާ ވަޒީފާ އިން ވަކި ކުރުމަށެވެ. އޭނާ އަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރީ މިދިޔަ މަހު އެވެ.
އެނގިފައިވާ ގޮތުގައި މަލީހާ އަލުން ވަޒީފާ އަށް ނުކުންނަން އެންގީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ހެޑްގެ މަގާމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ މަލީހާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަންގާ ކަމަށެވެ.
މި މައްސަލައިގައި މަލީހާގެ ފަރާތުން ވަކާލާތު ކުރެއްވީ، ކުރީގެ ނައިބު ރައީސް އަދި ސަލްޓަން ޗެމްބާސް ލޯފާމުގެ މުއައްސިސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެ މަނިކުފާނާއި މަލީހާ އަކީ ދެބެއިންގެ ދެދަރި ދެބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ