ދެ ފަނޑިޔާރުން ރޯ ނުބައިކޮށް ގާނޫނު ތަރުޖަމާކުރިކަން ރައްޔިތުންނަށް އެނގޭ: ޑރ. ޖަމީލް

ކުރީގެ ރައީސް އަބްދުﷲ އަބްދުލް ގައްޔޫމަށް ދަށު ކޯޓުން އިއްވި ހުކުމަށް ތާއީދުކޮށް ރައުޔު ދެއްވި ދެ ފަނޑިޔާރުން ރޯ ނުބައިކޮށް ގާނޫނު ތަރުޖަމާކުރިކަން މިއަދުގެ ޝަރީއަތް ލައިވްކޮށް ބެލި ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ. މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ހުކުމް ކުރި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ގޯސް ކަމަށް ރައުޔު ދެއްވީ ފަނޑިޔާރު ހުސައިން ޝަހީދެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަކީ ރައީސް ޔާމީނަށް އިއްވި ހުކުމް ބާތިލް ކުރަންޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ އިސް ވަކީލު ޑރ. ޖަމީލް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމަކީ ހެކި ބަލައިގަތުމުގައި ވަރަށް ބޮޑެތި ގޯސްތައް އެކުލެވިގެންވާ ވަރަށް ގިނަ ގާނޫނީ އައިބުތައް ހުރި ހުކުމެއް ކަމަށެވެ. ހަމައެހެންމެ އެ ހުކުމަކީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ގާނޫނުލް އުގޫބާތާއި އަދި މަނީލޯންޑަރިންގެ ގާނޫނު މާނަކުރުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ހުކުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ފަނޑިޔާރުންނަށް ނުފެނުނު ގޯސްތަކާއި ފަނޑިޔާރުން މިކަމުގަ ލޯމަރާލި ގޯސްތަކާއި އަދި ހަމައެއާއެކީ ކަނޑައެޅި ބަޔާންވެގެން ފެންނަން ހުރި ހަގީގަތްތައް، ކަނޑައެޅިގެން ފެންނަން ހުރި ކަންތައްތަކުގައި ރޯ ނުބައިކޮށް ތަރުޖަމާކުރިތަން މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފެނިގެން ދިޔައީ،" ޑރ. ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިޖުރާއީ ގޮތުންނާއި މައުޟޫއީގޮތުން ކްރިމިނަލް ކޯޓުގެ ހުކުމްގައި ހަދާފައިވާ ގޯސްތައް ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުތަކާއި ގާނޫނު އަސާސީގެ ހަމަތަކުގެ ތެރޭގައި ހުކުމް އިއްވެވި ފަނޑިޔާރަކީ ފަނޑިޔާރު ޝަހީދުކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އިއްވި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށާއި އެ ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަކީންކަން، ކަށަވަރުކަން އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހައިކޯޓުގެ އެ ހުކުމް ދަމަހައްޓައިފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީން ދީފަ އޮތް ކޮންމެ މީހަކީ ކުށެއް ސާބިތުނުވާހާ ހިނދަކު މައުސޫމް މީހެއް ކަމުގެ ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށެވެ. ހަމައެހެންމެ އެ ހުކުމް ދަމަހައްޓައިފިނަމަ މިނިވަން އަދުލުވެރި އިންސާފުވެރި ޝަރީއަތެއްގެ މުޅި މަފްހޫމް ގެއްލިގެންދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ