ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވީ ޖާބިރު އަމިއްލައަށް: އެދިވަޑައިގެންނެވީ މައުމޫނު ހާޒިރުކޮށްދެއްވުމަށް

ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން ދައްކަން ޖެހޭ ފައިސާގެ މައްސަލައިގައި، އެ ޕާޓީ އުފެއްދެވި އެ ޕާޓީގެ ކުރީގެ ލީޑަރު ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް ކޯޓަށް ހާޒިރުކޮށްދެއްވުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އުިސްތިއުނާފުގެ އަޑުއެހުމަކީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ 718،438 ރުފިޔާއަކީ ޑީއާރްޕީގެ ފަރާތުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާއެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށް 2015 ވަނަ އަހަރު ކޮށްފައިވާ ހުކުމް، ޑީއާރުޕީގެ ފަރާތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ކުރިއަށްދާ އަޑުއެހުމަކެވެ.
ޑީއާރުޕީއަށްދިން ހިދުމަތްތަކަށް، ހަބުން ހެދި އިންވޮއިސްގައި މައްސަލަ އޮވެގެން، އެ އިންވޮއިސްތަކުގެ މުއްދަތުގައި ހަބް ކުންފުނީގެ ސަމާލުކަމަށް އެކަން ގެންނެވިންތޯ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ވެސް މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، އެކަން ޖެހޭނީ ޑީއާރުޕީގެ ކުރީގެ ލީޑަރު ރައީސް މައުމޫނުގެ އަރިހުން އަހާލަން ކަމަށެވެ.
ހަބުން ޑީއާރުޕީއަށް ކޮށްދީފައިވާ ކަމަށް ބުނާ މަސައްކަތްތަކަކީ، 2008 ވަނަ އަހަރު ރައީސް މައުމޫނު ޑީއާރުޕީގެ ފަރާތުން ކެމްޕެއިންއަކަށް ވަޑައިގެންނެވުމަށް ލައިޓިން އާއި އިންޖިނިއަރިން ދިން ވާހަކަ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ޑީއާރުޕީ އަކީ ކުންފުންޏެއް ނޫން ކަމަށާއި ޑީއާރުޕީއަކީ ޕާޓީއެއް ކަމަށް ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވާ ކަމަށެވެ. އަދި އެޕާޓީގެ ލީޑާޝިޕް އޮތީ އެކި އިރު އެކި ގޮތަށް ބަދަލުވެފައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަންތައްތައްް ރަނގަޅަށް ސާފު ކުރެއްވުމަށް ޑީއާރުޕީގެ ކުރީގެ ރައީސް، މައުމޫނު އަބުދުލްގައްްޔޫމު ޝަރީއަތަށް ހާޒިރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެ މައްސަލައިގައި ޑީއާރުޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ޖުމްހޫރީ ޕާޓީގެ މިހާރުގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން، ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވެސް ހެކިބަސް ދެއްވާފައިވާ ކަމަށާއި، އެހެން ކަމުން ޑީއާރުޕީގެ އޭރުގެ ލީޑާޝިޕްގެ ބޭފުޅުން ހާޒިރުކުރަން އެދިވަޑައިގަންނަވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެއީ 2008 ވަނަ އަހަރު ހިނގައިދިޔަ ކަމަކަށް ވާތީ އެކަމާބެހޭ ފުރިހަމަ މައުލޫމާތު މިހާރުގެ ލީޑާޝިޕްގައި ނެތް ކަމަށާއި، މިހާރުގެ ލީޑަޝިޕުން އެމައްސަލައިގައި ވާހަކަ ދައްކަނީ މިހާރު ލިބެން ހުރި މައުލޫމާތުގެ އަލީގައި ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ