ޓެނިހުގެ ރައީސް ކަމަށް އަހުމަދު ހަފީޒް އިންތިހާބުކޮށްފި
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންތިހާބީ ކޮންގްރެސްގައި ފުރިހަމަ އަގުލަބިއްޔަތެއް ހޯދައި މަޝްހޫރު ވިޔަފާރިވެރިޔާ، އަޙްމަދު ހަފީޒް އެ އެސޯސިއޭޝަނުގެ ރައީސް ކަމަށް އިންތިހާބުވެއްޖެ އެވެ. އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ޓެނިސް ކޯޓުގައި ބޭއްވި އެ އެސޯސިއޭޝަނުގެ އިންތިޚާބުގައި ވޯޓުން ފަސް މަގާމަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވި ހިންގާ ކޮމިޓީންނެވެ. ވޭތުވެ ދިޔަ ދެ ދައުރުގައި ވެސް ޓެނިސް އެސޯސިއޭޝަނުގެ ރައީސްކަން ކުރައްވާފައިވާ މަޝްޙޫރު ވިޔަފާރީވެރިޔާ އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) މިފަހަރުގެ އިންތިހާބުގައި ވާދަކޮށްފައި ނުވާ އިރު، ރައީސް ކަމަށް ކުރިމަތިލެއްވީ އަހްމަދު ހަފީޒް އެކަންޏެވެ. ފެންނަ ނުފެންނަ ވޯޓުގައި 166 ވޯޓާއެކު ހަފީޒް ރައީސްކަން ވަނީ ހޯއްދަވައިފަ އެވެ. ހޮނިހިރު ދުވަހު ބޭއްވި ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބަށްފަހު މަގާމުތަކަށް ހޮވުނު ބޭފުޅުންނާއެކު ކުރީގެ ރައީސް އަހުމަދު ނަޒީރު --- ފޮޓޯ//ޓެނިސް އެސޯސިއޭޝަން މި އިންތިޚާބުގައި އެ އެސޯއިއޭޝަނު ނައިބު ރައީސްގެ މަގާމަށް މުޙައްމަދު އަމީން އާއި މުޙައްމަދު ހާނިމް ވަނީ ވާދަކުރައްވާފައެވެ. ނައިބު ރައީސްގެ މަގާމަށް މިހާރުވެސް އެމަގާމުގައި ހުންނެވި އަމީން ހޮވުނުއިރު، އޭނާއަށް ވަނީ 148 ވޯޓު ލިބިވަޑައިގެންފައެވެ. މި މަގާމަށް ދެން ވާދަކުރެއްވި، ހާނިމަށް ލިބިވަޑައިގަތީ 27 ވޯޓެވެ. މީގެ އިތުރުން މި އިންތިޚާބުގައި ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް ހޮވިފައިވާ ތިން މެމްބަރުންނަކީ ހަސަން ޝާމާއި، ޔޫސުފް ރިޒާ އަދި އަޒްމާ އިބްރާހީމެވެ. ގައުމީ ފެންވަރުގައި ޓެނިހަށް ރަނގަޅު ކުރިއެރުންތަކެއް މިފަހަކުން ވަނީ އަހުމަދު ނަޒީރުގެ ރައީސް ކަމުގައި ހޯދައިފަ އެވެ. ނަޒީރުގެ ރައީސް ކަމުގައި ޓެނިހަށް އެންމެ ބޮޑަށް ކުރިއެރުމެއް ހޯދައިދީފައިވަނީ އިންފްރާސްޓަރްކްޗާ ގާއިމު ކުރުމުގަ އެވެ. އެގޮތުން އޭނާގެ އަމިއްލަ ހަރަދުގައި ބައިނަލް އަގުވާމީ ފެންވަރުގެ ޓެނިސް ކޯޓެއް އަޅާފައިވާ އިރު، މިދިޔަ އަހަރުގެ ގައުމީ މުބާރާތް ވެސް ވަނީ ބައިނަލް އަގުވާމީ ކުޅުންތެރިންނަށް އިންވައިޓް ކޮށްގެން ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ