ބްރޯޑްކޮމްގެ މެމްބަރު ޒީނާ އިސްތިއުފާ ދެއްވައިފި

މަގާމުގެ ޒިންމާ އަދާ ނުކުރުމާއި މީޑިއާތަކާ މެދު ތަފާތުކުރުން ގެންގުޅުނު ކަމުގެ ތުހުމަތުގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަކިކުރަން ނިންމާފައިވާ އެ ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޒީނާ މަގާމުން ވަކިކުރަން ނިންމާފައި އޮތީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ގާނޫނީ ވާޖިބު އަދާ ނުކުރެއްވުމާއި މީޑިއާތަކާ މެދު ތަފާތުކޮށް، ފިޔަވަޅު އެޅުމުގެ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
އެގޮތަށް ނިންމާފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީގައި ޒީނާ ވިދާޅުވެފައި ވަނީ އޭނާ ވަކިކުރަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ބަލާފައި ހުރީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށާއި އެ ކޮމިޓީގެ ނިންމުންތައް ބަލައިނުގަނެވޭ ކަމަށެވެ.
Zeena vaki kuran committee in faas koffi
Mihaaru
ރަސްމީ ވަގުތުތަކަށް އޭނާ ފަރުވާ ކުޑަކުރާ މައްސަލަ އާއި ކޮމިޝަންގެ ޖަލްސާތަކަށް ގަޑިޖެހިގެން ވަޑައިގަންނަވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ޒީނާ ވިދާޅުވީ އެ ކޮމިޝަނުގެ ޖަލްސާތަކަށްދާ މީހުންގެ އެޓެންޑަންސް ބެލޭނެ ގޮތެއް ގާއިމްކޮށްފައި ނެތް ކަމަށެވެ. އަދި އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއްވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގަޑި ޖެހުނުކަން އެނގޭނީ އެންމެ ބައްދަލުވުމެއްގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ތިން ޖަލްސާއަކަށް ސަލާމްބުނެފައި ވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން 2018 ގައި ކުއްލިި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް "ރާއްޖެ ޓީވީ" ގެ ބްރޯޑްކާސްޓިން ލައިސެންސް ވަގުތީގޮތުން ހިފަހައްޓަން ބްރޯޑްކޮމް އިން ނިންމުމަކީ، އެ ހާލަތުގައި ނެގެން އޮތް އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޒީނާ އިސްތިއުފާ ދެއްވި އިރު އޭނާގެ މަގާމުގެ ދައުރު ހަމަވާން މިހާރު ބާކީ އޮތީ ފަސް މަސް ދުވަހެވެ.
ޒީނާގެ އިތުރުން އެ ކޮމިޝަންގެ އެހެން ބައެއް މެމްބަރުންގެ މައްސަލަތައް ބަލައި، އެ ބޭފުޅުން ވަކިކުރަން ވެސް ކޮމެޓީން މިދިޔަ އަހަރު ނިންމި އެވެ. އެކަމަކު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން އޭގެ ތެރެއިން ގިނަ މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ