ދެ މީހެއްގެ މަޝްވަރާއިން ނިޒާމު ބަދަލެއް ނުކުރެވޭނެ: ރައީސް މައުމޫން

ދެ މީހަކު މަޝްވަރާ ކޮށްގެން ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމު ކަނޑަނޭޅޭނެ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ."އާސްކް ސްޕީކާ" މި ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމްގައި ރައީސް ނަޝީދު މިރޭ ވެސް ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށްވެސް ނަޝީދު ވިދާޅު ވިއެވެ."ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރަނގަޅު ވަގުތަކީ ކޮބާތޯ، އެއީ 2023 ވަނަ އަހަރުތޯ، އޭގެ ކުރިއަށް ކުޑަތަންކޮޅެއް ލައިފަތޯ އަޅުގަނޑު ހިތުން މި ވާހަކަތައް އަޅުގަނޑު ފުރަތަމަ މަޝްވަރާކުރައްވާނީ ސިޔާސީ ކަންކަމުގައި އަޅުގަނޑު އަބަދުވެސް މަޝްވަރާކުރާ ބޭފުޅާއާ ވަރަށް ދުވަސްވެއްޖެ. އެއީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ. އަޅުގަނޑުމެން އެވާހަކަ ދައްކާނަން. އަޅުގަނޑުމެން ދައްކާފައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރަނގަޅު ގޮތަކަށް އެކަން ނިމިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށް ވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި، އެންމެ ރަނގަޅު އެކަންޏެއް ނޫން، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ "ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް، ވީމާ ދެ ފަރާތަކުން މަޝްވަރާ ކޮށްލައިގެން މި ނިޒާމު ބަދަލު ނުކުރެވޭނެ،" ކަމަށެވެ. ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވެއެވެ. އެކަމާ ގުޅޭގޮތުން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށެވެ.މީގެ 13 އަހަރު ކުރިން ބަރުލަމާނީ ރައްޔިތުންގެ ތާއިދު އޮތީ ބަރުލަމާނީ ވެރިކަމަކަށްތޯ ނުވަތަ ރިޔާސީ ވެެރިކަމަކަށްތޯ ބެލުމަށް ވޯޓެއް ނެގިއެވެ. 155،890 މީހުން އެ ވޯޓުގައި ބައިވެރިވި އިރު، ގިނަ ބަޔަކު ތާއީދު ކުރީ ރާއްޖޭގައި ރިޔާސީ ނިޒާމު ހިންގާށެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދިނީ 58،508 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 37.96 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ