ފެންބޮޑުވެ ކަރަންޓު ކެނޑިގެން 18 ބަލިމީހަކު ޗެންނާއީ ހޮސްޕިޓަލެއްގައި މަރުވެއްޖެ

ނިއުދިއްލީ (ޑިސެމްބަރ 5): އިންޑިއާގެ ދެކުނުގައި އޮންނަ ޓަމިލްނާޑޫ ސްޓޭޓަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ވެރިރަށް ޗެންނާއީގެ އެމްއައިއޯޓީ އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ކަރަންޓް ކެނޑުމުގެ ސަބަބުން 18 ބަލިމީހަކު މަރުވި ކަމަށް ސްޓޭޓޭ ހެލްތް ސެކްރެޓަރީ ޖޭ ރާދަކްރިޝްނާން އިއްޔެ ވިދާޅުވެއްޖެ އެވެ. އައިސީޔޫގައި ތިބި ބަލި މީހުން މަރުވީ ހޮސްޕިޓަލުގެ ޖެނެރޭޓަރު ހުންނަ ރޫމަށް ފެން ވަދެ، ކަރަންޓު ކަނޑައިގެން ދިޔުމުގެ ސަބަބުން ބަލިމީހުންގެ ވެންޓިލޭޓަރުތައް އޮފް ވުމުން މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ކަމަށް ރާދަކްރިޝްނާން ވިދާޅުވި އެވެ. އެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ މުއައްޒަފުންނާއި ދެކޮޅަށް ކޮށްފައިވާ ބަލިމީހުންނާ މެދު ފަރުވާކުޑަކުރިކަމުގެ ޝަކުވާތައް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ޗެންނާއީގައި ފެންބޮޑުވުމުގެ ސަބަބުން 280 މީހަކު މަރުވެފައިވާ ކަން މިހާތަނަށް ވަނީ ކަށަވަރުކުރެވިފައެވެ. އޭގެތެރެއިން ބައެއް މީހުން މަރުވެފައި ވަނީ އިލެކްޓްރިކް ޝޮކް ޖެހިގެންނެވެ. އެހެންކަމުން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފަ އެވެ. އިންޑިއާގެ އަސްކަރިއްޔާ އިން ދަނީ މީހުން ސަލާމަތްކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާއާއި ބޭސްފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ޗެންނާއީގައި ފެންގަނޑު ހިދެން ފަށާފައިވީ ނަމަވެސް ގިނަ ސަރަހައްދުތަކުގައި އަދިވެސް ދެ މީޓަރާއި ތިން މީޓަރަށް ފެންގަނޑު ހެދިފައި އެބަހުއްޓެވެ. އަދި ގިނަ މީހުން އަދިވެސް ތިބީ ސަރުކާރުން ފޯރުކޮށްދިން ވަގުތީ ހިޔާ ތަކުގައި އެވެ. ޓަމިލްނާޑޫ ސްޓޭޓްގެ ހެލްތް ސެކްރެޓަރީ ރާދަކްރިޝްނާން ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން އެންމެ އިސްކަންދެނީ ފެންބޮޑުވުމުގެ ސަބަބުން ފެތުރިދާނެ ގައިންގަޔަށް އަރާ ބަލިތައް ހުއްޓުވުމަށެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލި ފަތުރާޒާތުގެ ސޫފާސޫފި އާލާވާ ސަރަހައްދުތަކަށް ބޭސް ޖަހަމުންނެވެ. މައުލޫމާތު: އޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ