ފުޑް ކޯޓުން 14 ގޮޅި ދޫކުރަން ބީލަމަށް ހުޅުވާލައިފި

މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ 14 ގޮޅި ދޫކުރަން ބީލަމަށް ހުޅުވާލައިފިއެެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ފުޑް ކޯޓުގެ އެތެރޭގެ ހާލަތާއި ގޮޅިތައް ބަލައިލަން އެސްޓީއޯއިންވަނީ ފުރުސަތު ހުޅުވަލާފައެވެ.
އެކުންފުނިން ބުނީ ގޮޅިތައް ބަލަން ބެނުންވާ ފަރާތްތަކަށް އެފުރުސަތު ލިބިގެންދާނީ މިމަހުގެ ހަތްވަނަ ދުވަހާއި ދިހަވަނަ ދުވަހުގެ މެންދުރު 2:00 އިން 3:00 އަށް ކަމަށެވެ.
އެސްޓީއޯއިން ބުނީ ފުޑް ކޯޓުގެ ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށާއި، މިމަހުގެ 14 ވަނަ ދުވަހުގައި އެސްޓީއޯގެ މައި އިދާރާގެ ރިސެޕްޝަނުން ފޯމުތައް ބަލައިގަންނަން ފަށާނެ ކަމަށެވެ.
މީގެކުރިން ބިޑަށް އެންމެ ކުޑަވެގެން ހުށައެޅުނު އަގަކީ އަކަފޫޓެއް 53 ރުފިޔާގެ ރޭޓުންނެވެ. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ކާމިޔާބު ކުރާތާ ހަތްދުވަހުގެ ތެރޭގައި ތިންމަހުގެ ކުލި ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހެއެވެ.
ފުޑް ކޯޓުތައް ކުއްޔަށް ނަގާ ފަރާތްތަކަށް، އެތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދަ ލިބިގެންނެއެވެ. މީގެއިތުރުން ފުޑްކޯޓުތަކުގައި ބޭނުންކުރާނެ ގޮނޑި މޭޒުފަދަ ތަކެތި ދޭނީ އެސްޓީއޯ އިންނެވެ.
އަދި ހަލާކުވާ ގޮނޑި، މޭޒުފަދަ ތަކެތި ބަދަލު ކުރުމަށް ކުއްޔަށް ނަގާ ފަރާތުން ދައްކާ ސެކިޔުރިޓީ ފައިސާ ބޭނުން ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ