ސްރީލަންކާ މުސްލިމުންގެ ހަށިތައް ލަންކާގައި ވަޅުލަން ރާއްޖެއިން ގޮވާލަންޖެހޭ: މެމްބަރު އާމިރު

ކޮވިޑް-19 ބަލީގައި މަރުވާ ސްރީލަންކާގެ މުސްލިމުން، އެގައުމުގައި ވަޅުލައިދޭން ދިވެހިރާއްޖެއިން ގޮވާލަންޖެހޭ ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭގެ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން އަހްމަދު އާމިރު ވިދާޅުވީ، ކޮވިޑް ބަލީގައި މަރުވާ ސްރީލަންކާގެ މުސްލިމުންނާމެދު، އެގައުމުންވެސް އަމަލު ކުރަންޖެހޭނީ މުސްލިމުންނާމެދު އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ކޮވިޑްބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލައިދިނުމަށް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި އާމިރު ވިދާޅުވީ، ސްރީލަންކާގައި މަރުވާ މުސްލިމުން ސްރީލަންކާގައި ވަޅުލުމަށް ދިވެހިރާއްޖެއިން ލަންކާ ސަރުކާރަށް ގޮވާލެވެން ޖެހޭނެ ކަމަށެވެ. ދެގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެފަދަ ކަމަކަށް ގޮވާނުލެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ، ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ސަރަހައްދު އަދި ބިމުގެ ސަރަހައްދު އެންމެ އިންސައްތައެއް ހިމެނޭ ގައުމަކަށް ވާއިރު، އެހެން ގައުމެއްގައި މަރުވާ މީހުންގެ ހަށިތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލައި ދިނުމަށް އެދުމަކީ ދެކޮޅުޖެހޭކަމެއް ނޫން ކަމަށެވެ.
އަހްމަދު އާމިރުވަނީ މިކަމާ ގުޅޭގޮތުން ޓްވީޓެއްވެސް ކުރައްވާފައެވެ.
ކޮވިޑްބަލީގައި ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމަށް ސްރީލަންކާ ސަރުކާރުން އެދުނީ، މުސްލިމުންގެ ހަށިތައް އަންދަން ނިންމައި އަދި އާއިލާތަކުގެ ނުރުހުމާއި ދެކޮޅު ހެދުންތަކާއެކުވެސް 15 މުސްލިމެއްގެ ހަށިގަނޑު އެންދުމުން، މައްސަލަ ވަރަށް ބޮޑަށް ގޯސްވެ، ލަންކާގެ މުސްލިމުންގެ ވަރަށް ބޮޑު ދެކޮޅުވެރިކަމެއް ސަރުކާރަށް ކުރިމަތިވުމުންނެވެ.
މިކަމާހެދި، ކޮވިޑްބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް އެންދުން ސަރުކާރުން މިވަގުތަށް ވަނީ ހުއްޓާލާފައެވެ.
ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލައިދޭން ލަންކާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާ ކަމާއި، އެކަމަށް ގޮތެއް ނިންމުމުގެ މަޝްވަރާތައް ކުރަމުންދާކަން ސަރުކާރުން ހާމަކުރުމާއެކު ވަރުގަދަ ބަހުސެއް ފެށިގެން ގޮސްފައިއެވެ.
ސިޔާސީ އެކިއެކި ފަރާތްތަކާއި، ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ މި މައްސަލާގައި ދެކޮޅަށް ޚިޔާލު ފާޅުކުރައްވަމުންނެވެ.
ލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ލަންކާ ސަރުކާރަށް އަމާޒުވެފައި ވެއެވެ. އެގޮތުން، ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ، ރައްޔިތަކު މަރުވުމުން ބޭރު ގައުމަކަށް "އެކްސްޕޯޓް" ކުރަންއުޅޭ ގައުމެއް، ލަންކާ ނޫނީ ނުދެކޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ