މިތިބީ އަނިޔާވެރި ވެރިއެއްގެ ކަސްތޮޅުގައި، މިކަމުން ސަލާމަތް ވާން މަސައްކަތް ކުރަން ޖެހޭ: ގާސިމް

ދިވެހިންނަށް މިއަދު ކުރިމަތިވެފައި ވަނީ އުނދަގޫ ހާލަތެއް ކަމަށާއި ކޮންމެ މީހަކަށް ވެސް ކުރަން ޖެހިފައި އޮތް ކަމަކީ އަނިޔާވެރި ވެރިއެއްގެ ކަސްތޮޅުން ފުރާނަ އާއި މުދާ ސަލާމަތް ކުރެވޭތޯ ބެލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އިއްވި 12 އަހަރުގެ ޖަލު ހުކުމުގައި އޭނާ ހުންނަވާތާ 1،000 ދުވަސް ފުރުން ފާހަގަ ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާ ޖަލްސާގައި ގާސިމް ވިދާޅުވީ ދިވެހިން މިއަދު ތަޖުރިބާ ކުރަން ޖެހިފައި ވަނީ މިއިން ޒަމާނެއްގައި ވެސް ދެކެފައި ނުވާ ފަދަ އަނިޔާވެރިކަމަކާއި ފިއްތުންތަކެއް ކަމަށެވެ.
"ގައުމުގެ މުއައްސަސާތަކުން ހައްގު ބަސް ބުނުމާއި ހައްގުތައް ކަށަވަރުކޮށް ދިނުމަށް މަސައްކަތްތަކެއް ކުރަން މި ވަނީ ޖެހިފައި،" ޖަރުމަންގައި މިހާރު ހުންނެވި ގާސިމް ފޮނުއްވި ހިތާބުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމަށް ވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ތިބި ބަޔަކު ވެރިކަމުގައި މިއަދު ތިބުމަކީ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ކަމެކެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިން މިއަދު ކުރިމަތިލާން ޖެހިފައިވާ އަނިޔާވެރިކަމާއި ބޭއިންސާފާއި ފަސާދައިގެ އަމަލުތަކުން މިންޖުވެވެން އޮތީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މާތް ﷲ ގަންދީކޮށްފައިވާ ހުވަޔާ އެއްގޮތަށް ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިން އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކޮށްގެން،" ރިޝްވަތުގެ ތުހުމަތުގައި ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭބޭފުޅުންގެ އިހުލާސްތެރި މަސައްކަތުން ނޫނީ ގައުމަށް ދިމާވެފައިވާ ހިތްދަތި ހާލުން މި ވަގުތު މިންޖުވެވެން ނެތް ކަމަށާއި ވަކި ފަރާތެއްގެ ނުފޫޒުގެ ދަށު ނުވެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރައްވަން ޖެހޭ ކަމަށެވެ.
"ކުރިމަތިކޮށްފާނެ ދައްޗަކަށް ބިރުވެތި ނުވެ ހަވާލުވެފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އަޅުގަނޑު އިހުލާސްތެރިކަމާ އެކު ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.
އިމްރާނަށް ލިބެމުންދާ އަނިޔާތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އިމްރާނަށް އިއްވާފައިވާ ޖަލު ހުކުމަކީ ސަރުކާރުގެ ބައެއް އިސްވެރިންގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން މިއަދު ހާމަވަމުން އަންނަ ކަމަށެވެ.
"އެހެންކަމުން އެ މަނިކުފާންގެ މައްޗަށް ކުރެވުނު ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމަށް ކުރެވުނު އިލްތިމާސްގެ މައްސަލަ މައުޟޫޢީ ގޮތުން އަލުން ބައްލަވައި އަދުލުވެރި ނިންމެވުމެއް ނިންމަވައި ދެއްވުމަށް ސުޕްރީމް ކޯޓާއި ކަމާ ބެހޭ ފަރާތްތަކަަށް ފަށްފަށުން އާދޭސް ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭއިންސާފު އަނިޔާތަކެއް ލިބެމުންދާ އިރު ވެސް އިމްރާން ސާބިތުކަމާ އެކު ހައްގުގެ މަގުގައި ހުންނެވީތީ އެކަމަށް ޝުކުރު ވެސް އަދާ ކުރައްވާ ކަމަށެވެ.
"މިއަދު ދިވެހިން އެ މަނިކުފާނަށްޓަކައި ފަހުރުވެރި ވަނީ ހަރުދަނާކަމާ އެކު، ބަދަލު ނުވާ ސިޔާސަތެއްގައި އެ މަނިކުފާން ގައުމަށް އިހުލާސްތެރިކަމާ އެކު ދެމިހުންނަވާތީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޭޑޭގެ މުޒާހަރާއާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އެހެން ވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން ވެސް ބަޔަކު ބޮޑެތި ވޭންތަކެއް ދަނީ އުފުލަމުންނެވެ.
ގާސިމް: މިހާރު އުޅުއްވަން ޖެހިފައި ވަނީ ގައުމުން ބޭރުގައި.
"އެއް ބަޔަކު ހުކުމެއް ވެސް ނުކޮށް ޖަލުގެ ކުޑަގޮޅީގެ ތޭރިތަކުގެ ތެރޭގައިވާ ހިނދު، އަނެއް ބަޔަކު އެ މީހުންގެ އުފަން ގައުމު ދޫކޮށް އަމިއްލަ އަށް އަރުވާލެވިގެން ބޭރުގެ އެކި ގައުމުތަކުގައި ދަތި އުނދަގޫ ހާލަތުގައި ތިބެން ޖެހިފައިވާކަމީ ނުހަނު ހިތްދަތި ކަމެއް،" ކުނޫޒްގައި ކުރިއަށް ގެންދާ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ޖޭޕީގެ ނައިބް ލީޑަރު އިބްރާހީމްގެ އިތުރުން ސިޔާސީ އެހެން އިސްބޭފުޅުންތަކެއް ހިމެނޭކަން ފާހަގަ ކުރެއްވި އެވެ. އަދި މޭޑޭގެ މުޒާހަރާއާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުގައި މިދިޔަ އަހަރު މަރުވި އަބްދުﷲ ރަޝީދުގެ ހަނދާންތައް ވެސް ގާސިމް މިރޭ އާކުރެއްވި އެވެ.
"މޭޑޭގެ ބޮޑު އެއްވުމުގައި ބައިވެރިވި އެންމެހާ ދިވެހި ރައްޔިތުންނަށް މިއަދު ޝުކުރު ދެންނެވުމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އެ އެއްވުމުގައި ބައިވެރިވުމުގެ ސަބަބުން ނުގައްގުން އަނިޔާ ލިބެމުންދާ ދިވެހި ރައްޔިތުންނާއި އެ މީހުންގެ އާއިލާތަކަށް ނުހަނު ހަމްދަރުދީ ފޮނުވައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް ދުއާ ދަންނަވަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ