ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލިބިދީފައިވާ ރައްކާތެރިކަމާއި މިނިވަންކަން ގެއްލުވާލުގެ މަގުސަދުގައި ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަަށް މައުމޫން ހަމީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި މަގުސަދު ސާފުވެގެން ހިނގައްޖެ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރި ކުރުމާމެދު ސުވާލު އުފެދޭ ކަމަށާއި، މައުމޫންގެ މައްޗައް ކުރާ ތުހުމަތުތަކަކީ ކުއްލި ގޮތަކަށް އުފަންވި ކަންތައްތައް ކަމަށެވެ. ރައީސް މައުމޫން މިވަގުތު ޖަލުގައި ހުންނެވީ ހެޔޮ ހާލުގައި ވަރަށް ހިތްވަރުފުޅު ގަދަކޮށްކަން ފާހަގަކުރައްވާ މައުމޫން ހަމީދު ވިދާޅުވީ މިއީ އެމަނިކުފާނު ތުހުމަތެއްގައި ޖަލުގައި ހައްޔަރުވި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.
ވަކީލް މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމާއި އަދި އިތުރު މެންބަރުންތަކެއްގެ މައްޗައް ރިޝްވަތު ދޭން މަސައްކަތް ކުރެއްވުމާއި، ގާނޫނާއި ހިލާފަށް ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި މިއަދު ހެނދުނު އިތުރު ތުހުމަތެއްގެ ގޮތުގައި ޓެރަރިޒމްގެ ތުހުމަތު ކޮށްފައިވާ ކަމަށްވެސް ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.
"މިހާރު ރައީސް މައުމޫނަށް އެބައާދޭ ޓެރަރިޒމްގެ ގާނޫނާއި ހިލާފަށް ވެސް ޓެރަރިޒަމް އަމަލެއް ހިންގަވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތާއި އޭގެ އިތުރަށް ގާނޫނުލްއުގޫބާތުގެ 610 ވަނަ މާއްދާ ދަށުން އަނިޔާވެރި ގޮތަކަށް ނުވަތަ ވައިލެންޓް ގޮތަކަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު އެބަކުރޭ. މީގެން ވެސް ދައްކުވައިދެނީ ހަގީގީ މައުލޫމާތެއްގެ މައްޗައް ނޫން ކަން ބިނާ ވެފައި އޮންނަނީ ހައްޔަރުކުން" މައުމޫން ހަމީދު ވިދާޅުވި އެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވާއިރު މިއަދު ވަނީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދޫކޮށްލާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދީގެން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުއްވި ކަމަށް ތުހުމަތުކޮށް ފާރިސް މައުމޫން ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހުކުމެއް ނެތި ޖަލުގައި ބަންދުކޮށްފަ އެވެ.
ފާރިސް ދޫކޮށްލުމާއި ގުޅިގެން ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފާރިސް ދޫކޮށްލީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމުގެ ގޮތުން އެކަން ކުރެއްވީ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ފާރިސް އަލުން ހައްޔަރުނުކުރާނެ ކަމުގެ ޔަގީންކަން ވެސް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވާ ބޭފުޅުން ވަގުތުން ވަގުތަށް ދޫކޮށްލަންޖެހޭ ކަން ފާހަގަކުރައްވާ މައުމޫން ހަމީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއެކު ވެސް ފާރިސް ހުންނެވީ ގާނޫނީ ނިޒާމުން ގެއްލުވާލާފައިވާ ކަމަށެވެ. އަދި މިއަދު ވެސް ފާރިސް ހައްޔަރުކޮށް ގެއްލުވާނުލާނެ ކަމުގެ ޔަގީންކަން ނެތް ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ވަކި ބައެއްގެ މިނިވަންކަން ނަގާލުމަށް: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ