ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރައްވައިފި

ދިވެހިރާއްޖޭގައި މިހާރު އޮތް ގާނޫނީ ސަރުކާރު ވައްޓާލުމަށް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތާއި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުމަށް މަސައްކަތް ކުރެއްވިކަމަށް ބުނެ މިއަދު ފުލުހުން ކުރި ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރައްވައިފިއެވެ.
ރައީސް މައުމޫންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނަށް ބޮޑު ބޭބެ ވިދާޅުވާ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހުރިހާ ތުހުމަތަކަށް ރައީސް މައުމޫނު އިންކާރު ކުރައްވާފައިވާ ކަމަށެވެ.
މައުމޫންގެ މައްޗަށް ކުރަނީ ތަފާތު 3 ތުހުމަތެކެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިންކަމުގެ ތުހުމަތު އަދި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމަަށް ރޭވުންތައް ރޭވިކަމުގެ ތުހުމަތެވެ.
މައުމޫން މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާއިރު އެމަނިކުފާންގެ ތަހްގީގު އަދި ނުފެށޭކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ