ޕީޕީއެމް މިހާރު ދަނީ ޤާނޫނީ ހުސްކަމަކާއި ދިމާއަށް – މައުމޫން

ޕީޕީއެމްގެ އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެންކަމުން ޕީޕީއެމް މިހާރު ދަނީ ޤާނޫނީ ހުސްކަމަކަށް ކަމަށް ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ "ޕީޕީއެމްގެ އިންތިޚާބީ ރައީސް" ގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައެވެ.
ޕީޕީއެމް އަށް ޤާނޫނީ ހުސްކަމެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ އެކަން އިލެކްޝަން ކޮމިޝަންގެ ސަމާލުކަމަށް ގެންނަން ރައީސް މައުމޫން ފޮނުވި ސިޓީގައި ވިދާޅުވީ، 2013 ވަނަ އަހަރުގެ ޖެނުއަރީ 17 ން 19 އަށް ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ފާސްކުރި އަސާސީ ގަވައިދުގައި، އެ ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލް ކުރެވޭ ގޮތަށް ބާއްވާ ގައުމީ ޖަލްސާއެއް ކޮންމެ ދޭއްބައި އަހަރަކުން އެއް ފަހަރު ބާއްވަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެހެން ގޮތަކަށް އެ ގަވާއިދުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަސާސީ ގަވައިދުގެ ދަށުން އިންތިޚާބު ކުރާ މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް  މައުމޫން ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތަށް ޕީޕީއެމް ހިންގުމަށް އިންތިޚާބު ކުރި ކައުންސިލާއި ހުރިހާ ކޮމެޓީތަކާއި ގުނަވަންތަކުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
"އެހެންކަމުން، ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު މާދަމާ ހަމަވާނެތީ، އެ ހިސާބުން ޕާޓީ ހިންގުން ހުއްޓޭނެ ކަމަށް ގަބޫލުކުރެވެ އެވެ. މިކަމުގައި ޕާޓީގެ އާއްމު މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، ތިޔަ ކޮމިޝަންގެ ސަމާލުކަމަށް މިކަން ގެންނަމެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ ދައުރު ވެސް އެ ދުވަހު ހަމަވާތީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބޭއްވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ޕާޓީގެ ޓިކެޓްގައި ރިޔާސީ ކެންޑިޑޭޓަކު ނެރުމާ މެދު ވެސް ގާނޫނީ އެތައް ސުވާލުތަކެއް އުފެދިފައިވާކަން ވެސް އެ ސިޓީގައި މައުމޫން ފާހަގަކުރައްވާފައިވެ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީ މިދަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށެވެ. ވީމާ ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މިކަންކަން ތިޔަ ކޮމިޝަނުގެ ސަމާލުކަމަށް ގެނައީމެވެ." ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ