އުމަރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދޭނަން - ހަސަން ލަތީފް

އުމަރު ނަސީރު އެމްޑީޕީއާ ވައިވެސް އެޅުނަ ނުދެއްވާނެކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް މިހެން ވިދާޅުވެފައި ވަނީ ޓްވިޓާ މެދުވެރިކޮށް އިދިކޮޅު އެކި ޕާޓީގެ މެންބަރުންގެ މެދުގައި ސޯޝަލް މީޑިޔާގައި ކުރިއަށްގެންދާ ބަހުސްގެ ތެރެއިން ކުރެއްވި ޓްވީޓެއްގައެވެ.
ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީ ހަލާކުކޮށްލަން އުމަރަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އެމްޑީޕީގެ މެމްބަރުން، އުމަރު އެމްޑީޕީ ހަލާކުކޮށްލަން، އެމްޑީޕީއާ ވައިވެސް އެޅުނަކަ ނުދޭނަން، ވަރަށް ސާފު،" ހަސަން ވިދާޅުވިއެވެ.
އުމަރު ޖޭޕީއާ ގުޅިވަޑައިގަންނަވާކަން އިއިލާނުކުރެއްވުމާ އެކު މީގެ ކުރިން ވެސް ހަސަން ލަތީފު ވަނީ އުމަރުގެ އެ ނިންމުމަށް ފާޑު ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތު ދުވަހު، އުމަރު ޖޭޕީއާ ގުޅިވަޑައިގެންފައިވަނީ، އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި އުމަރު ވަނީ އިދިކޮޅު އިއްތިހާދުގެ އެހެން ޕާޓީތަކަށް ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑު މި ޕާޓީއާ މި ގުޅުނީ، ރާއްޖޭގެ ތިންވަނަ ޕާޓީއިން، ވެރިކަން ކުރާ ޕާޓީއަކަށް ޖޭޕީ ހެދުމުގެ ޝައުގުވެރިކަން ހުރި ނަމަ އެކަމުގައި އެހީތެރިވެދިނުމަށް. ތިންވަނަ ޕާޓީގެ ގޮތުގައި އަދިވެސް އޮތުމުގެ ޝައުގުވެރިކަން މި ޕާޓީގައި އޮތް ނަމަ އަޅުގަނޑުގެ ހިދުމަތް މުހިންމެއް ނުވާނެ. ތިންވަނަ ޕާޓީގެ މަގާމުގައި އަދި އިތުރު 20 އަހަރު ވެސް މި ޕާޓީއަށް މަޑުކޮށްލެވިދާނެ." އުމަރު ވިދާޅުވިއެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ