ރައީސް މައުމޫން މިނިވަންކުރުމަށް ދުންޔާ ފުރަތަމަ ފަހަރަށް ގޮވާލައްވައިފި

ބޮޑެތި ތުހުމަތުތަކެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިނިވަންކުރުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ފުރަތަމަ ފަހަރަށް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިނިވަންކުރުމަށް ދުންޔާ މައުމޫން ގޮވާލެއްވީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގަ އެވެ.
ދުންޔާ މައުމޫން ވިދާޅުވީ އޭނާގެ ބައްޕަ އަދި މިގައުމުގެވެސް ބައްޕަ ރައީސް މައުމޫން މިނިވަންކޮށް ގެއަށް ގެނެސްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
ދުންޔާ ވަނީ ރައީސް މައުމޫނާ ބައްދަލުކުރުމުގެ ފުރުސަތު އާއިލާ އަށާއި ގާނޫނީ ވަކީލުންނަށް ފަހިކޮށްދިނުމާއެކު ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫން މިނިވަންކުރުމަށް ގޮވާލާ ދުންޔާ ޓްވީޓް ކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އދ.ގެ އިންސާނީ ހައްގުތަކުގެ ވެރިޔާ ޒައިދު ހުސައިނާއި އދ. ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސްގެ ޓްވިޓާ އެކައުންޓް ޓެގް ކުރެއްވުމަށްފަހު އެވެ.
ރައީސް މައުމޫން ހައްޔަރުކުރި ފަހުން ދުންޔާ މައުމޫން ވަނީ އެކަމަނާގެ ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށާއި ބައްޕަގެ ހާލަތާ މެދު ކަންބޮޑުވުވެވަޑައިގަންނަވާ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައީސް މައުމޫނާއި ފާރިސް މައުމޫން ޖަލުގައި ހައްޔަރުކުރުމުން ވެސް މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދިފާއުގައި ދުންޔާ މަސައްކަތް ކުރައްވާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދަނީ ދުންޔާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ