ސްކޫލްތަކުގެ ދަރިވަރުންނަށް ރާއްޖޭގެ ރީތި ފަރުތައް ދައްކާލުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ކުރިއަށް ގެންދާ "ފަރުކޮއެ" ޕްރޮގްރާމްގައި "ޒީރޯވޭސްޓް" ބޭނުން ކުރި ފުރަތަމަ ސްކޫލްގެ ފަޚުރު އަމީރު އަހްމަދު ޕްރީސްކޫލް ހޯދައިފިއެވެ.
"ޒީރޯވޭސްޓް" އަކީ އުކާލެވޭ ޕްލޭސްޓިކް މަދުކޮށް އޭގެ މިންވަރު ސުމަކަށް ގެނައުމަށް އެ ސްކޫލުން ކުރިއަށްގެންދިޔަ ތަފާތު ހަރަކާތެކެވެ. މިއީ މިހާތަނަށް މިފަދަ ހަރަކާތެއް ކުރިއަށް ގެންދިޔަ ފުރަތަމަ ސްކޫލްވެސް މެއެވެ.
"ވަގުތު"އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތާއި ހަވާލުވެ ހުންނެވި އަދި އެސްކޭޖީ/ޖޭކޭޖީ ދަރިވަރުންގެ ހެޑް ޓީޗަރ ނަވާލު އަހުމަދު ވިދާޅުވީ ސައިބޮއި ހެދުމަށްފަހު ޕްލާސްޓިކް ތަށި އެއްލާލުމުގެ އުސޫލު ނައްތާލުމަށްޓަކައި އެ ސްކޫލުން އެ ދުވަހުގެ "ފަރުކޮއި" ހަރަކާތުގައި އެއްވެސް ވަރަކަށް ޕްލާސްޓިކް ތަކެތި ބޭނުންކޮށްފައެއް ނުވެއެވެ.
"ބެލެނިވެރިން ކައިރީވެސް ބުނިން އަދި ލިޔެފަ ނޯޓިސްއެއް ގޮތަަށްވެސް ދިނިން ކާއެއްޗެއް ގެންދިޔަޔަސް އެ ކުއްޖެއްގެ އިންޓަވަލް ލާ ތަށި ބޭނުން ކުރުމަށް. އެއީ އެއްލާލަން ޕްލާސްޓިކް ތަށްޓެއް ބޭނުން ކުރުމުގެ ބަދަލުގައި. އޭގެ ކުރީ ދުވަހު ސްކޫލުން އިންޓަވަލް ބުއިމަށް ބޭނުން ކުރާ ކަހަލަ ފުޅި ޓީޗަރުންނަށްވެސް ހަދިޔާ ކުރިން މި ހަރަކާތުގައި ބޭނުން ކުރުމަށް. ބޮޑެތި ފެންފުޅިތައްވެސް ގެންގޮސް އެޔަށް ރީފިލް ކުރީ" ނަވާލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޯޑަރުކޮށްގެން ސައި ގެނައި އިރުވެސް ރިކުއެސްޓް ކުރިން ބޭނުންވަނީ ކާންވެސް ޑިސްޕޯސަބަލް ނޫން ތައްޓޭ. އެބޭފުޅުން ރޮށި ވެސް ގެނެސްދެއްވި އާންމުކޮށް ކާން މި ބޭނުން ކުރާ ތައްޓާއިއެކު" ނަވާލް އިތުރަށް ވިދާޅުވިއެވެ.
މަޝްހޫރް ޑައިވިން ސްކޫލް "މޫދުބުޅާ" އަދި "ޑައިވާސް ލޮޖް" އާއި ގުޅިގެން އަމީރް އަހްމަދު ޕްރީސްކޫލުން މުޅިން ތަފާތު ގޮތަކަށް ކުރިއަށްގެންދިޔަ "ޕަރުކޮއި" ޕްރޮގްރާމްގެ "ޒީރޯވޭސްޓް" ބައި 95 އިންސައްތައަށްވުރެ ބޮޑަށް ކާމިޔާބު ކަމަށް އެ ސްކޫލުން ބުނެއެވެ.
"ޖޭކޭޖީ ދަރިވަރުން މި ހަރަކާތް ކުރިއަށް ގެންދިޔަ ދުވަހު، މި ދުވަސްކޮޅު މި ސްކޫލުން (ކުނި) ކިޔަވާތީ ފުރަތަމަ ހާފް އެންޑް އަވާ ސްޕެންޑް ކުރީ އެތަނުން ކުދިންނާއިއެކު ކުނި ހޮވާ ޕްލާސްޓިކްއާއި އެއްޗެހި ވަކިކޮށްލުމަށް. ދެން އެކަމާއި ގުޅިގެން ކުޑަކޮށް ވާހަކަ ދައްކާލާފައި ދެން ފެށީ މޫދަށް އެރެން. އެއީ އެ ކުދިންނަށް ކުނި ހޮވާލަން ލިބުނީމަވެސް އެނގޭނެ ބައިވަރު ކުނި އަޅާފައި ހުންނަކަން." އެއް ދުވަހުގެ ތަޖުރިބާ ކުރުގޮތަކަށް ހިއްސާ ކުރަމުން ނަވާލް ވިދާޅުވިއެވެ.
ގާތްގަނޑަކަށް 320 ހާ ކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެސްކޭޖީ އަދި ޖޭކޭޖީގެ ދަރިވަރުން ހިމެނެއެވެ.
އަމީރް އަހްމަދު ޕްރީސްކޫލުން އިސްނަގައިގެން "ތިމާވެއްޓާއި ރައްޓެހި" ގޮތަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތް އެހެން ސްކޫލްތަކުންވެސް އިފްތިތާހު ކުރުމަކީ ކުރުން ރަނގަޅު ކަމެއްކަަން ފާހަގަކޮށްލެވެއެވެ.
"ފަރުކޮއެ" ޕްރޮގްރާމްގައި "ޒީރޯވޭސްޓް" ބޭނުން ކުރި ފުރަތަމަ ސްކޫލަކަށް އަމީރް އަހުމަދު ޕްރީސްކޫލް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ