ބުރިޖު މެދުވެރިކޮށް މާލެ-ހުޅުމާލެ ކަރަންޓް ގުޅާލުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ އެއްވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ހައިވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތްތައް އަންނަ މަސް ތެރޭގައި ފަށާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ މެނޭޖަރ މަރިއަމް އަލީ ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ބޮޑު އިންޖީނުގޭގެ މަސައްކަތްތައް ނިންމާ، މާލެއަށް ކަރަންޓް ފޯރުކޮށްދޭއިރު، ބުރިޖު މެދުވެރިކޮށް އެޅޭ ހައިވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތްތައް އަންނަ މަސް ތެރޭގައި ފަށާނެ ކަމަށެވެ. މަރިއަމް ވިދާޅުވީ، އެ ޕްރޮޖެކްޓްގެ އަމަލީ ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
"އެ ޕްރޮޖެކްޓްގެ ބުރިޖުގައި ހަރުކުރަން ޖެހޭ ބައެއް ސްޓްރަކްޗާތަކާއި އެއްޗެހި ހުންނާނީ ހަރުކޮށް ނިންމާފައި. ބުރިޖު ހެދުމުގެ ކުރިން ހަރުކުރަން ޖެހޭ އެއްޗެހި. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި އަންނަ މަހު ފެށޭނެ" މަރިއަމް ވިދާޅުވިއެވެ.
މަރިއަމް ވިދާޅުވީ، ސްޓެލްކޯ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ނަމުގައި ހިންގާ ބޮޑު އިންޖީނުގޭގެ މަސައްކަތުގެ ތެރެއިން މި ނެޓްވޯކު މެދިވެރިކޮށް ހުޅުލެއަށް ކަރަންޓް ބޭނުންވެއްޖެ ހާލަތެއްގައި ހުޅުލެއަށް ވެސް ކަރަންޓް ފޯރުކޮށްދޭއިރު، ބުރިޖުގައި އެޅިގެންދާ ނެޓްވޯކުގެ ސަބަބުން، މާލެއަށް ކަރަންޓް ބޭނުންވެއްޖެ ހާލަަތެއްގައި މާލެ އަށް ވެސް ކަރަންޓް ފޯރުކޮށްދެވިގެން ދާނެ ކަަމަށެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި، އަންނަ އަހަރުގެ ފެބުރުއަރީ މަސް ތެރޭގައި ފިފްތް ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ނިމި ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދެވުނު ނަމަވެސް، މި ކޭބަލް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން ހިސާބުގައި ނިންމާލެވުމުން ނޫނީ މާލެއަށް ކަރަންޓް ނުދެވޭނެއެވެ.
"އިންޓާކަނެކްޝަން ޕްރޮޖެކްޓް ނިމުމާއި ގުޅިގެން ހުޅުމާލޭގައި މި ހެދޭ ޕަވާ ޕްލާންޓުން ކަރަންޓްގެ ރިލަޔާބިލިޓީ ރަނގަޅުވެގެންދާނެ. މާލޭގައި ހުރި އިންޖީނަކަށް މައްސަލައެއް ދިމާވިޔަސް ވަގުތުން ހުޅުމާލެއިން ކަރަންޓް ފޯރުކޮށްދެވޭނެ" މަރިއަމް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަނީ ހުޅުމާލޭގައި ގާއިމްކުރާ ބޮޑު އިންޖީނުގޭގެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނުންނެވެ.
ސަރުކާރުން ވިދާޅުވާގޮތުގައި، މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލުމުގެ މަޝްރޫޢަކީ އިޢާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރެއްވުމާއި، ޑީސަލުން ކަރަންޓް އުފައްދާ ނިޒާމްތަކުގެ އެފިޝަންސީ އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން އަޅުއްވާ މުހިއްމު ފިޔަވަޅެކެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް 12 މަސް ތެރޭގައި ނިންމާލައި، ބޮޑު އިންޖީނުގެ މެދުވެރިކޮށް މާލެއަށް ވެސް ކަރަންޓް ދެވޭނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ކޭބަލް ބުރިޖު ހުރަސްކޮށް ގެންދިޔަ ނަމަވެސް ބުރިޖު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ