އަޅުގަނޑުމެންނާއި ވާދަކުރަން ވަޑައިގަންނަވާ، މައުމޫން އެއްބުރުން ބަލިކުރާނަން - ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2013 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ދައުވަތުދެއްވާ ކަމަށް ވިދާޅުވެ އެމަނިކުފާނު އެއް ބުރުން ބަލިކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އުތުރަށް ކުރާ ދަތުރު ނިންމާލުމަށް މިރޭ ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ނިކުމެތިބީ ރާއްޖެ ތަރައްގީކުރަން ކަމަށާއި އެހެންނަމަވެސް އެމަސައްކަތަށް ހުރަސް އެޅުމަށް 30 އަހަރުގެ "ހުދުމުހުތާރު" ވެރިކަން ހިންގެވި ރައީސް މައުމޫން އަނެއްކާ އެނބުރި ވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން އަނެއްކާވެސް މިދަންނަވަނީ އެމަނިކުފާނު އަޅުގަނޑުމެންނާ ވާދަކުރަން އަންނާށޭ، އަޅުގަނޑުމެން ބަލިކުރާނަން، އެއްބުރުން އެމަނިކުފާނު ބަލިކުރާނަން، ވަޑައިގަންނަވާ، އަޅުގަނޑުމެން ބަލިކުރާނަން، އެއްބުރުން ބަލިކުރާނަން، ވަޑައިގަންނަވާ، ވަޑައިގަންނަވާ، އަޅުގަނޑުމެން ބަލިކުރާނަން،" ތަކުރާރުކޮށް އަޑު ހަރުކުރައްވާ ރައީސް ނަޝީދު މިރޭ ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މިހާރުގެ ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނު ވަނީ ދެއްވާފައެވެ. އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ “ދަ ހިންދޫ” އަށް އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ކަންތައް ބަދަލުވަމުން އަންނަ ގޮތަކުން، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށާއި ނަމަވެސް އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.
އިންގިލާބު އަވަސްކުރުމަށް ގޮވާލާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ތިލަދުންމަތީގައި 3000 ޓްއަރިސްޓް އެނދު ތަރައްޤީ ކުރާނެކަމަށާއި ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ތަރައްގީ ޕާޓީ ކަމަށާއި ކުޅުދުއްފުށީ ބަނދަރަށް ދުނިޔޭގެ އެތައް މިތަނުން މުދާގެނެސް މުދާބާލާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ތިބި ޒުވާނުންނަށް މުނިފޫހިފިލުވޭނެ ގޮތް ހަމަޖައްސާދޭނެ ކަމަށާއި އެމްޑީޕީން އެކަންކަންކޮށްފައި ނޫނީ ހުއްޓާ ނުލާނެ ކަމަށެވެ.
އަދި މިރާއްޖޭގައި ޕެންޝަނެއް ހައްގުވާ ހަމައެކަނި ބަޔަކީ ދޮށީ އުމުރުގެ މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތާއި މަތީ ތައުލީމްގެ ފުރުސަތު ވެސް ހޯދާދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ ލޯތްބާއި ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރަން އެމްޑީޕީއަށް އިނގޭ ކަމަށާއި ރާއްޖެ ތަރައްގީކުރުމުގެ ތަސައްވުރެއް އޮތީ އެމްޑީޕީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެހެން ރޭ ތަކެކޭ އެއްފަދައިން ނަޝީދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނާނެ ކަމަށާއި ހެޔޮ ވެރިކަމެއްކޮށްދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ