އަބްދުﷲ ގާޒީގެ މައްސަލައިގައި ޕީޖީއިން ގޮތެއް ނިންމަނީ

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހުޅުމާލޭ ކޯޓަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައިވާތީ އެމައްސަލައިގާ އަލުން ދައުވާ ކުރުމާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ހިލާފަށް ހައްޔަރުކޮށްފައިވާތީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން އަނބުރާ ފޮނުވާލުމާއި ގުޅިގެން އެކަމުގައި މިއަދު ނޫނީ މާދަން ގޮތެއް ނިންމަވާނެ ކަމަށެވެ.
ހުޅުމާލޭ ކޯޓުން މިމައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ ކޯޓްތަކުގެ ގާނޫނުގެ ދަށުން ޕީޖީން ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް އެކޯޓަށް ލިބިގެންވާކަމަށް މިހާތަނަށް ބެލި ބެލުމުންވެސް ނުފެންނާތީ އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ ގާނޫނާއި ގަވާއިދާ ޚިލާފަށް ހައްޔަރުކޮށް ގިރިފުށީގައި 22 ދުވަސް ވަންދެން އެކަހެރިކޮށް ބެހެއްޓި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޕީޖީ ކުރާ ދައުވާއަކީ ކުށެއް ނެތް މީހެއް ވަގަށް ނެގި މައްސަލައިގެ ދައުވާގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިމައްސަލަ ހުޅުމާލޭ ކޯޓަށް ފޮނުވީ ކްރިމިނަލް ކޯޓަށް މިމައްސަލަ ފޮނުވުމުން މައްސަލަ ރައްދުވާ ފަރާތުގެ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އޮތުމުން ކަމަށްވަނީ ބުނެފައެވެ.
ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޕީޖީން ހުށަހެޅި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެހާސް ފައްސަތޭކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރި މަނާ ކުރާނެ އެވެ.
މި މައްސަލައިގައި ދައުވާ ކުރާ އިތުރު ބޭފުޅުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތް އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް އާއި ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
މި މައްސަލަ ކޯޓަށް ވެއްދުމާއެކު މައްސަލައިގައި ދައުވާ ލިބޭ ބޭފުޅުންގެ ތެރެއިން ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ ޝަރަފުވެރިކަމާއެކު މަގާމުން އިސްތިއުފާދެއްވަން ހުށައަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ