އިވުނު ވާހަކައަކުން މެމްބަރު ރޮޒައިނާ "ހެމުންގޮސް" އުނދޯލިން ނުވެއްޓުނީ ކިރިޔާ!

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އިވިވަޑައިގަތް ވާހަކައެއްގެ ސަބަބުން ހެމުންގޮސް އިށީނދެވަޑައިގެން ހުންނެވި އުނދޯލިން ނުވެއްޓުނީ ކިރިޔާ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، ރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، "ސަރުކާރުން ފެންފޮދަކާނުލާ ބަޖެޓް ދިރުވާލައިފިއޭ ބުނީމާ ހެމުން ގޮސް އުނދޯލިން ނުވެއްޓުނީ ކިރިޔާ" ކަމަށެވެ.
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ގެންދެވި ވަގުތު ނަގާފައިވާ ފޮޓޯއެއް އާންމުކުރައްވަމުން ކުރެއްވި މި ޓްވީޓުގައި ރޮޒައިނާ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އަލަށް މި ސަރުކާރުން ފެއްޓެވި މަޝްރޫޢެއް ދެއްކުމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވަމުން ރޮޒައިނާ ވިދާޅުވީ، ސަރުކާރުން ފެށި މަޝްރޫޢުތަކުގެ ތެރޭގައި "މީދޫ ބަނދަރު! މަރަދޫ ފޭދޫ ބަނދަރު! ހުޅުމީދީ ހެލްތް ސެންޓަރ އެކްސްޓެންޝަން .އީޓީސީ." ހިމެނޭ ކަމަށެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، "އެޖެންޑާ 19 އަކީ ދިވެހި ރައްޔިތުންނަށް އުފުލޭވަރު އެއްޗެއް ނޫން." ކަމަށާއި އަދިވެސް އަންނަނީ ވައުދުތައް ވަމުން ކަމަށާއި ނަމަވެސް ވައުދުތައް ފުއްދެމުން ނުދާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ނިމިގެން ދިޔައިރު 270 މަޝްރޫޢުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ ނަމަވެސް އެމަޝްރޫޢުތައް ވެސް ނިމެމުން ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވައުދުތައް އަންނަވަރުން އޮބިނޯވޭ. ނަމަވެސް އެއްވެސް ކަމެއް ކުރެވޭ ވަރެއް ނުވޭ." ޔާމީން ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓް ބޭނުން ކުރަމުންދާ ގޮތައް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ 34 ބިލިއަން ރުފިޔާ މިއަހަރު ވެސް "ފެންފޮދަކާއި ނުލައި ދިރުވާލައިފި" ކަމަށެވެ. އަދި މިއަންނަ އަހަރު 40 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އެއީ މާބޮޑަށް ބަދަލެއް ނޫން ކަމަށާއި، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 65 ބިލިއަނަށް އަރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ