ދިވެހީންގެ ތެރެއިން އެއްވެސް މީހަކު އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުން ބަލައިނުގަނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައި ވަނީ، ދިރާސާގެ ނަމުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓެއްގައި ދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަތައް ހިމަނައި އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށްފައި ވުމުން އެކަމަށް ގިނަ ބައެއްގެ ނުރުހުންވުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، "ދިވެހިންގެ ހަމަ އެކަކުވެސް އިސްލާމް ދީނަށާ ކީރިތި ރަސޫލާ އަށް ކުރާ ފުރައްސާރަ ބަލައެއް ނުގަނެވޭނެ،" ކަމަށެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައިވާއިރު، އިއްޔެ ޖުމްހޫރީ ޕާޓިންވެސް ވަނީ، އެންޑީއެމް އިން ހިންގި އަމަލު ކުށްވެރިކޮށްފައެވެ. އެ ޕާޓީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، "އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް،ޚިޔާލު ފާޅުކުރުމުގެ ނަމުގައި ޢިލްމީ ދިރާސާ ކުރުމުގެ ނަމުގައި އިސްލާމް ދީނަށާއި މާތް ރަސޫލާ މުޙަންމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ އަށް ބަދުބަސް ރައްދުކޮށް މިދިވެހި މުޖުތަމައު ފަސާދަކުރުމަށް އެމްޑީއެން އިން ހިންގިއަމަލު ކުށްވެރި" ކުރާ ކަމަށެވެ.
ދިރާސާގެ ނަމުގައި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. އެގޮތުން ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަ ގޮތުން ކަމަށް ދޭހަވާފަދަ ވާހަކަތައް އެރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.
މިކަމަށް ދީނީ އިލްމުވެރިންނާއި ސިޔާސީ އަދި ސަރުކާރުގެ އިސް ފަރާތްތަކާއި ގިނަ އަދަދެއްގެ އާންމުންގެ ނުރުހުންވުން އަމާޒުވަމުންދާއިރު، އެފަރާތްތަކުން ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.
ދިވެހިންގެ އެކަކުވެސް ދީނާއި ރަސޫލާއަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ