ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސޫރަ ކުރެހި މީހަކު ޖޫރިމަނާ ކޮށްފި

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ސޫރަ ކުރެހި މީހަކު ޖޫރިމަނާކޮށްފިއެވެ.
ސުޕްރީމް ކޯޓުން ޖޫރިމަނާކޮށްފައި ވަނީ އާދަމް މުހައްމަދު މަނިކު ނަމަކަށް ކިޔާ އެމްޑީޕީގެ ސަޕޯޓަރެކެވެ.
އާދަމް މަނިކު ޖޫރިމަނާ ކުރީ 2،500 ރުފިޔާއިންނެވެ.
އޭނާ ޖޫރިމަނާ ކޮށްފައިމިވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ސައުދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓު ރޫމް ތެރޭ ހުރި ކޯޓުގެ ނިޝާނުގައި ހިމަނާފައިވާ ކީރިތި ގުރުއާނުގެ އާޔަތާއި ފަނޑިޔާރުންގެ ބެންޗު ކުރެހުމުންނެވެ.
އެ އާޔަތަކީ އަދުލަށް ހުކުމް ކުރުމަށް ގުރުއާނުގައި ބަޔާންކޮށްފައިވާ އާޔަތެކެވެ.
އެހެންކަމުން ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް ކުރި ކަމަށް ބަލައިގެން އާދަމް މަނިކު ޖޫރިމަނާ ކުރީ ކަމަށް ސުޕްރީމް ކޯޓުން އޭނާއާ ހަވާލުކުރި ލިޔުމުގައި ވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގައިވާގޮތުން ޝަރީއަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް، ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
އެގޮތުން 10،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތަަކަށް ޖަލަށްލުން ނުވަތަ އެއްމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން އަދަބުތަކުގެ ތެރެގައި ހިމެނެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ