ނިއު ދިއްލީ (އޮކްޓޯބަރު 10) - ހިންދޫންގެ ފެސްޓިވަލް ދިވާލީގެ ކުރިން ވެރިރަށް ނިއު ދިއްލީގައި ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވުން އިންޑިއާގެ ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނީ ބަޑިބޭހުގެ ކުޅިވަރުތައް މަނާކުރުމުން ދިއްލީގެ ވައިގެ ސާފުކަމަށް އަންނަނީ ކޮން ބަދަލެއްތޯ ބަލަން ބޭނުންވާ ކަމަށެވެ. ދިއްލީ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ވެރިރަށެވެ.
ދިއްލީގައި ބަޑިބޭސް ވިއްކުން މަނާކޮށްފައި ވަނީ ނޮވެމްބަރު 1 ވަނަ ދުވަހާ ހަމައަށެވެ. ދިވާލީ ފަށާނީ މި މަހު 18 ވަނަ ދުވަހު އެވެ. ދިވާލީ އަކީ އުތުރު އިންޑިއާގެ ހިސާބުތަކުގައި ފާހަގަކުރާ ހިންދޫންގެ އެންމެ ބޮޑު ފެސްޓިވަލެވެ.
މިދިޔަ އަހަރުގެ ދިވާލީ އަށް ފަހު ދިއްލީގެ ޖައްވު ވަނީ ބޯދުމުން ތަޣައްޔަރުވެފައި. --ފޮޓޯ: ގެޓީ އިމޭޖަސް
ސުޕްރީމް ކޯޓުގެ އަމުރު އައިސްފައި މިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ކުރި އަމުރު އަލުން ދަމަހައްޓަން އެތައް ބައިވަރު ޕެޓިޝަންތަކެއް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ވެސް ވަނީ އަމުރު ދަމަހައްޓަން ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު އަމުރު ނެރެފައި ވަނީ ދިވާލީގެ ބަޑިބޭހުގެ ކުޅިވަރުތަކަށް ފަހު ދިއްލީގެ ވައިގެ ހާލަތު ނުރައްކާ ލެވެލްއަކަށް ދަށްވުމުންނެވެ. ވައި ނުސާފުވުމުގެ ސަބަބުން ދިއްލީގެ ސްކޫލްތައް މިދިޔަ އަހަރު ވަނީ ތިން ދުވަހަށް ބަންދުކޮށްފަ އެވެ.
ދިވާލީ ފެސްޓިވަލުގައި ވީހާ ވެސް މަދުން ބަޑިބޭހުގެ ކުޅިވަރުތައް ބޭއްވުމަށް ކެމްޕޭން ގްރޫޕްތަކުން މީގެ ކުރިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެ އެވެ.
ދިއްލީގައި ބަޑިބޭހުގެ ކުޅިވަރުތައް ސުޕްރީމް ކޯޓުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ