މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން މަޢުލޫމާތު ދިން ގޮތުގައި ބެކްއަޕް ސިސްޓަމެއްގެ އެހީގައި މިހާރު ކަރަންޓު ދޭން ފަށައިފައި ވާނޭ ކަމަށެވެ. ކަރަންޓު ގޮސްފައިވާ ކަމަށް ރިޕޯޓް ކުރެވިފައި ވަނީ މާލޭގެ ހަތަރު އަވަށެއްގެ އެކި އެކި ހިސާބުތަކުންނެވެ.
ސްޓެލްކޯ އިން މީގެ ކުރިން މަޢުލޫމާތު ދިން ގޮތުގައި މާލެއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުން ކުރަމުންދާ ސިސްޓަމަކީ ވަރަށް ގިނަ ދުވަސް ވެފައި ހުރި ސިސްޓަމެއް ކަމަށް ވާތީ މައްސަލަތައް ކުރިމަތި ވަމުން އަންނަނީ ކަމަށެވެ. އަދި މިހާރު ބަޔަކާއި ހަވާލު ކޮށްގެން މިމައްސަލަތައް ދިރާސާ ކުރަން ފަށައިފައި ވާނޭ ކަމަށާއި ދިރާސާ ހަދާ ނިމުމުން މިމައްސަލަތައް ދެނެގަނެ ޙައްލު ކުރަން ފަސޭހަ ވާނޭ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުމުގެ ސަބަބުން އާއްމުންނަށް އެކި އެކި އުދަނގޫތަކާއި ވަނީ ކުރިމަތި ލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ