ސުޕްރީމް ކޯޓުގެ ހުކުމް ދެ ކޮޅުން މާނަކުރަނީ ދެ ގޮތަށް!
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރައްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައިފި އެވެ. ގިނަ ބަޔަކު އިންތިޒާރު ކުރި ހުކުމަކަށް އެ ހުކުމްވިޔެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ބަދަވުމާއި ނުވުމާ މެދު ގޮތެއް ނިންމޭނެ ހުކުމެއް ކަމަށް އެންމެން ވެސް ގަބޫލުކުރީމަ އެވެ. ނަމަވެސް ހުކުމް ނިންމުމާ އެކު އަނެއްކާވެސް މިވަނީ ބޮޑު ބަހުސަކަށް ފެށިފަ އެވެ. ހުކުމުގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމެއް ވެސް ނޫން ކަމެއްވެސް ސާފުކޮށް ބަޔާން ކޮށްފައި ނުވެ އެވެ. ބުނެފައި ވަނީ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭ ކަމަށެވެ. ދައުލަތު ތަމްސީލު ކުރައްވާ އިސް ބޭފުޅަކު ނަންހާމަ ނުކުރުމަށް ޝަރުތުކޮށް "ސަން"އަށް މިރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި އެ ވަނީ މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން ކަމަށާއި އެއާމެދު އުފައްދާނެ ސުވާލެއް ނެތް ކަމަށެވެ. މި ހުކުމް އިދިކޮޅު ފަރާތްތަކުން މާނަ ކުރާ ގޮތުން "ހަތަރު މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ" އެވެ. މެމްބަރުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ހިސާން ހުސައިން ވިދާޅުވީ 13 ޖުލައިގެ ފަހުން ހިނގާފައިވާ ކަމަކަށް މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާތީ އެ ނިންމުން އެ އޮތީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ކަމަށެވެ. ގޮނޑި ނުގެއްލޭ ކަމަށް ނިންމައި ދެކޮޅަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެ މެމްބަރުންނަށް މަރުހަބާ ވެސް ކިޔާފަ އެވެ. އަދި އަތްޖަހާ އުފާ ފާޅުކޮށްފައި ވެސް ވެ އެވެ. ނަމަވެސް އެ ހަތަރު މެމްބަރުނގެ ކުރި ދައުވާ ރައްދުވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުކުމާ ގުޅިގެން އަދި ވަކިގޮތެއް ކަނޑައަޅުއްވާފައެއް ނުވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލިސް ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލާގައި ވަގުތުން ވޯޓު ނަގަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވެސް ފާހަގަކޮށްފައި ވަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ދެން އޮތީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ވާހަކަ އެވެ. މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން އިއުލާނު ކުރުމުން އެންމެ ބޮޑަށް އުފާ ފާޅުކުރީ ޕީޕީއެމުންނެވެ. އެއީ ޕީޕީއެމުން ވަކިވެގެން އިދިކޮޅާ ގުޅުނު މެމްބަރުންނަށް ވާތީ އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމް ދަމަހައްޓާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުންގެ ނިންމުމުން މެމްބަރުން ގޮނޑި ގެއްލުންކަން ސާފުވާ ކަމަށެވެ. ދެ ފަރާތުން ދެކޮޅަށް ވާހަކަ ދައްކަމުން ދާއިރު ސުޕްރީމް ކޯޓުގެ ހުކުމުން އެއްވެސް ކަމެއް ސާފެއް ނުވެ އެވެ. އެ ހުކުމުގައި ބުނާ އެއްޗެއް ސާފެއް ވެސް ނުވެ އެވެ. އަނެއްކާވެސް ސިޔާސީ މަޝްރަހު ހޫނުވެ އިތުރު ބަހުސަކަށް ދިޔައީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ