ގާސިމް ފުރުވާލުން ލަސްވާތީ ވަކީލުން ކަންބޮޑުވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް، އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައިވީ ނަމަވެސް އެ އިންތިޒާމުތައް ހަމަޖައްސާދީފައި ނުވާތީ ގާސިމްގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގާސިމްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަނޑައެޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށް ކޯޓުން ހުކުމް ކުރުމުން އެ އަމުރުގެ ބާރުވެރިކަން ގެއްލިގެންދާގޮތަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަމަލުކޮށްގެންނުވާނެ ކަމަށެވެ.
އަދި ކޯޓުން ވަކިގޮތަކަށް އަމަލުކުރަން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ތަންފީޒުވެނުދިނުމަށް އެއްވެސް ފަރާތަކުން އެއްވެސް ގޮތަކުން ދަތިކުރުމާއި ހުރަސްއެޅުމަކީ ގާނޫނުލްއުގޫބާތުގެ 534 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ ކުށެއް ކަމަށާއި އެކަމަކީ ކަމާބެހޭ މުއައްސަސާތަކުގައި ތިބި ފަރާތްތަކުން ފަރުދީ ގޮތުން ޒިންމާ ނަގަންޖެހޭނެ އަމަލަކަށް ވާތީ އެ ކުށަށް އަރައިނުގަތުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ގާސިމްގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވާގޮތުގައި، ގާސިމްގެ ހުކުމް ތަންފީޒު ކުރުމަކީ އޭނާއަށް ލިބެން ޖެހޭ ފަރުވާއަކަށް ހުރަސް އެޅިގެން ވާނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރާ ކަމަށް އެ ހުކުމްގައި ވެއެވެ.
މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ވަނީ އެ މީހުންގެ ބެލުމުގެ ދަށަށް ގާސިމް ގެންދިއުމަށްފަހު ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ.
ގާސިމް ޖަލަށްލުމަށް ހުކުމްކުރީ ދައުލަތުން އޭނާ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ