ކުރީގެ މެމްބަރު ނާޒިމް ހާޒިރުކޮށްދޭން ފުލުހުންގެ ކިބައިން އެދިއްޖެ

ޖަލު ހުކުމެއް ތަންފީޒުކުރައްވަނިކޮށް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން "ފިއްލެވި" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމް ހާޒިރުކޮށްދޭން އެދުނީ، އޭނާ އަކީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ކަމަށެވެ. އޭނާ ބޭސްފަރުވާ އަށް ދިން މުއްދަތު ހަމަވި ފަހުން "ވީނުވީތަނެއް" ކަރެކްޝަނަލް ސާވިސް އަށް އެނގިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ ހިޔާނާތުގެ މައްސަލައެއްގަ އެވެ.
ސަރުކާރުން ދިން ހުއްދައެއްގައި ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތީ 2015 ގަ އެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރު ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ.
އެކަމަކު އޭރު އޭނާ ވަނީ ސިންގަޕޫރުން އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. ނާޒިމް މިހާރު ވެސް ހުންނެވީ، އެނގިފައިވާ ގޮތުގައި، އެ ގައުމުގަ އެވެ.
ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގަތީ ދިވެހި ސަރުކާރުން ދޫކޮށްފައިވާ ކަމަށް ބުނާ ޓްރެވަލް ޑޮކިއުމެންޓްގަ އެވެ. އެ ޑޮކިއުމެންޓް ދޫކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި، ސިންގަޕޫރަށާއި އިނގިރޭސިވިލާތަށް ވެސް ވަޑައިގެންނެވޭ ގޮތަށެވެ.
އެކަމަކު އެފަދަ ޑޮކިއުމެންޓެއް ދޫކުރިކަން ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަނުން ދޮގުކުރެ އެވެ. އެތަނުން ބުނެފައިވާ ގޮތުގައި ސަރުކާރުން ނާޒިމަށް ދޫކުރީ ހަމައެކަނި ސިންގަޕޫރަށް ވަދެވޭ ޓްރެވަލް ޑޮކިއުމެންޓެކެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް ނާޒިމް ބޭނުންކުރެއްވި އެ ޑޮކިއުމަންޓުން އިތުރު ގައުމަކަށް ދަތުރު ނުކުރެއްވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ