މާލެ- ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ މަޝްރޫގެ ބިންގާ އަޅައިފި

މާލެއާއި ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ހުޅުމާލޭގައި އަޅާ އިންޖީނުގޭގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަޅުއްވައިދެއްވައިފި އެވެ.
“ސްޓެލްކޯ ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ގެ ނަމުގައި ކުރިއަށްގެންދާ އެ މަޝްރޫއަކީ 100 އިންސައްތަ ލޯން އެހީގައި 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫ އެކެވެ.
މި މަޝްރޫގެ ދަށުން ހުޅުމާލޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ 50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ ބޮޑު އިންޖީނުގެއެއް އަޅާނެ އެވެ. އެތަނުގައި 2400 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއްގެ އިތުރުން ފެން ޕްލާންޓެއް ވެސް ގާއިމްކުރާނެ އެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ހަދާ މި ފެންޕްލާންޓާއި ކަރަންޓު ވިއުގައި މާލެއާއި ގުޅާލާނީ ހުޅުލެއާއި މާލެ އާއި ދެމެދު އަޅާ ބްރިޖު މެދުވެރިކޮށް ކޭބަލް އަޅައިގެން ކަމަށެވެ. އަދި އޭގެ ފަހުން ހުޅުލެއަށާއި މާލެ އަދި ހުޅުމާލެއަށް ކަރަންޓުދޭނީ މާލޭގައި މިހާރު ހުންނަ ޕްލާންޓާއި ހުޅުމާލޭގައި ގާއިމްކުރާ ޕްލާންޓު ގުޅިގެން ކަމަށެވެ.
މިހާރު މާލޭގައި ހުންނަނީ 44 މެގަވޯޓްގެ ޕަވާ ޕްލާންޓެކެވެ. ސްޓެލްކޯއިން ބުނީ މި މަޝްރޫ ނިމުމުން މާލެ އާއި ހުޅުމާލެ އަށް ކަރަންޓް ދިނުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކޮށް، ބޭނުންވާ މިންވަރަށް ކަރަންޓް ދެވޭނެ ކަމަށެވެ..
މި މަޝްރޫއުގެ މަސައްކަތް ކުރަނީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނުންނެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ