ޤައުމީ އިނާމަށާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު ހުޅުވާލަނީ

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ އާދީއްތަ ދުވަހު ހުޅުއްވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުނޗ ބުނެފިއެވެ.
އެއޮފީހުން ބުނެފައިވަނީ މި ފުރްޞަތު ހުޅުވާލައި، އެކަމުގެ މަޢުލޫމާތު، ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ޚަބަރުފަތުރާ ވަސީލަތްތަކަށް ދޭނީ އަންނަ އާދީއްތަ ދުވަހު 11 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ބައްދަލުވުމެއްގައި ކަމަށެވެ.
ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދިނުމުގެ އުޞޫލުތަކަށް މިއަހަރު ގެނައި މައިގަނޑު ބަދަލުތައް، ޚަބަރުފަތުރާ ވަސީލަތްތަކާއި އެ ދެކޮމިޓީން ޙިއްޞާ ކުރާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ސަރުކާރުން ދެމުން ގެންދާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި، ދިވެހި މުޖްތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރީގެ ދާއިރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފް ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.
ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދޭނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ