ވިލާ ގުރޫޕަށް ސަރުކާރުން ދޫކޮށްފައިވާ އެއްވެސް ތަނަކުން ދައުލަތަށް ދައްކަންޖެހޭ ކުލި ނުދައްކާ ނޯންނާނެ ކަމުގައި ވިލާ ގުރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ރޭ ދިޓީވީގައި ވާހަކަދައްކަވަމުން ވިލާ ގުރޫޕަށް ދޫކޮށްފައިވާ ރަށްތަކުން ކުއްޔާ ޖޫރިމަނާގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކާޖެހޭ 100 މިލިއަނެއްހާ ޑޮލަރު ނުދައްކާ އޮތް ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަ އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ދަށުގެ ބާއްވަމުންގެންދާ ސިލްސިލާ ކަންމަތީ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ގުރޫޕަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކުގެ ކުއްޔާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ. ވަޒީރުންނަކީ ހުވައެއް ކުރައްވައިގެން މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން ކަން ފާހަގަކުރައްވާ ގާސިމް އިބްރާހިމް ވަނީ ވަޒީރު ކަމުގައި ހުންނަވައިގެން އިތުރުފުޅު ހައްދަވާނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް އަދީބަށް ގޮވާލައްވާފަ އެވެ.
ގާސިމް އިބްރާހިމް ވަނީ ދައުލަތަށް ބަޔަކު ފައިސާ ދައްކަންޖެހޭ ކަން ސަރުކާރަށް އެނގިތިބެ އެ ފައިސާ ހޯދުމަށް މަސައްކަތް ނުކޮށް ތިބީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އެމަނިކުފާނު އެކަން ސިފަކުރެއްވީ އެއީ ބަޔަކު ދަރަނިވެރިކުރުވަން ކުރި ކަމެއްގެ ގޮތުގަ އެވެ.
"ބާއްވައިގެން ތިބެން ބުނީ ކާކުތޯ؟ އެމީހުންނަށް އޮތެއް ނޫންތޯ ފުރަތަމަ ކުލި ނުދެއްކީމާވެސް ނެގުމުގެ ހައްގާ ބާރު. އެހެން އެކަން އޮއްވާ ރައްޔިތުން އިނދަޖައްސަން ނިކަމެތިކުރަންތޯ އެކަން ކޮށްފައި އޮތީ. އެހެންވެސް އަޅުގަނޑުމެންނެއް ނޯންނާނެ ހަމަގައިމުވެސް ދައްކާކަށް އޮތް އެއްޗެއް އަޅުގަނޑެއް ހަމަގައިމުވެސް ގާސިމް އިބްރާހިމް ދައްކާކަށް އޮތް އެއްޗެއް ނޯންނާނެ،" ދިވެހި ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ އަމިއްލަ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ގުރޫޕުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތް ކަމަށް ވާނަމަ އެކަން ނިންމާނީ ދިވެހިރާއްޖޭގެ ކޯޓްތަކުން ކަމަށެވެ. އޭރުން އަދީބް ހައްދަވާ އިތުރުފުޅުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ސާފުވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަދީބަށް އަމާޒުކުރައްވާ ވިދާޅުވީ އަނިޔާވެރި ނުވުމަށާ ހުވަޔާ އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެދިވަޑަައިގަންނަވާ ކަމަށެވެ.
"ތިކަހަލަ ޓޫރިޒަމް މިނިސްޓަރުކަން ކޮށްދެއްވާނެ ކިތަންމެ ބޭފުޅުންނެއް އެބަތިއްބެވި. ވެރިކަން ބޭނުންވެގެން މިއުޅެނީ އަޅުގަނޑުތޯ ނުވަތަ މަނިކުފާނުތޯ ބައްލަވާ ލައްވާ އިހައްދުވަހު ކޮފީތައްޓެއް ދޭނެ މީހަކު މީގެ ތިން އަހަރު ކުރީގައި ރައްޓެއްސަކާއެކީގައި ކޮފީ މޭޒަކަށް އަރާ ބިލްކަނޑާލެވޭ ވަރު ނެތް މީހަކު މިއަދު މިލިއަނަރަަކަށް ބިލިއަނަރަކަށް ވެގެންދިޔައީމާ މިވާ ގޮތް އަޅުގަނޑުމެންނަށް ނޭގިއެއް ނޫނޭ މިތިބީއެއް. ދިވެހި ރައްޔިތުންނަށް ނޭނގިއެއް ނޫޅޭ އިނގޭތޯ،" އަދީބަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކަށް އިޝާރަތް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިނިސްޓަރު އަދީބް ކޮންމެ ފަދަ ވާހަކައެއް ވިދާޅުވި ނަަމަވެސް އެމަނިކުފާނު ދެކެ ބިރުފުޅު ނުގަންނަވާ ކަމަށާ ހަމައާ އިންސާފުން ކަންކަން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެެވ. މިއަދު އަދީބަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަންޖެހިވަޑައިގަތީ ހަގީގަތާ ހިލާފު ވާހަކަތައް އަދީބް ދައްކަވަމުން ގެންދަވާތީ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުންހާ ގޮތެއް ނުހެދޭނެ ކަަމަށާއި އަދި ބޭނުންހާ ގޮތެއް ހަދަންދެން ނުހުންނަވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ސަރުކާރުން ބައެއް މީހުންގެ މުދާ ނުހައްގު ގޮތުގައި ނަގާފައިވާތީ އެބޭފުޅުންގެ ސަރުކާރެއްގައި އެފަދަ ކަންކަން ބަލައި އެބަޔަކަށް ލިބެންޖެހޭ ހައްގެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ