ޓީއެމްއޭ އިން މުޅިން އާވައްތަރެއްގެ ސީޕްލޭނެއް ރާއްޖެ ގެނެސްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް( ޓީއެމްއޭ) އިން ރާއްޖެ އަށް މުޅިން އަލަށް ގެންނަ "ޓުވިން އޮޓާ 400" މަރުކާގެ ސީ ޕްލޭންތަކުގެ ތެރެއިން ފުރަތަމަ ބޯޓު ރޭ ރާއްޖެ ގެނެސްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓީއެމްއޭގެ މެނޭޖިން ޑައިރެކްޓަރު އެޑްވާޑް އަލްސްފޯޑް ރޭ ވިދާޅުވީ، ޓީއެމްއޭ އިން ރާއްޖެ ގެންނަ ޓުވިން އޮޓާ 400" މަރުކާގެ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓަކީ ކެނެޑާގެ ވައިކިން އެއާ ލިމިޓެޑްގެ އުފެއްދުމެއް ކަމަށެވެ. އަދި ރޭ ރާއްޖެ ގެނައި އެ ބޯޓަކީ އެ ކުންފުނިން އުފެއްދި އެ މޮޑެލްގެ ހަތަރު ވަނަ ބޯޓުކަން ވެސް އެޑްވަޑް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކަނޑަށް ޖައްސާ އެ މަތިންދާ ބޯޓް ގެނައުމުން ޓީއެމްއޭގެ އޮޕަރޭޝަނަލް ފްލީޓަށް 23 މަތިންދާ ބޯޓް ހަމަވީ ކަމަށާއި މިއީ އެ ކުންފުނިން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
"ހަތަރު ސަތޭކަ ސީރީސްގެ ޓްވިން އޮޓާއަކީ މީގެ އެހެން ބޯޓްތަކާ ވަރަށް ތަފާތު ބޯޓެއް. މީގެ އިންޖީނަކީ ވަރަށް ފެންވަރު ރަނގަޅު އިންޖީނެއް. އަދި އޭގެ އިތުރުން މީގެ ކޮކްޕިޓަކީ އެންމެ ޒަމާނީ، ފެންވަރުގެ ރަނގަޅު ކޮކްޕިޓެއް،" އެޑްވާޑް ވިދާޅުވި އެވެ.
ކެނެޑާގެ ވެސްޓްކޯސްޓުން ފުރައިގެން އެކި މަންޒިލްތަކުގައި މަޑުކުރަމުން ހަތް ދުވަހުގެ ދިގު ދަތުރެއް ކޮށްފައި އައި އެ ބޯޓްގައި ރާއްޖެ އަށް ދަތުރުކުރީ ކެނެޑާގެ ޕައިލެޓެއް ކަމަށްވާ ކެޕްޓަން ގޯޑަން ޖޯންސަން އާއި ރާއްޖޭގެ ދެ ޕައިލެޓުންކަމަށްވާ ކެޕްޓަން މުހައްމަދު ފަހުދާއި ކެޕްޓަން ހުސައިން އާދިލެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމަރުކާގެ އިތުރު ދެ މަތިންދާ ބޯޓެއް ކުރިއަށް އޮތް މަސްތަކުގައި ޓީއެމްއޭ އިން ރާއްޖެ ގެންނާނެ އެވެ. އެހެން ކަމުން އެ ބޯޓްތައް ދުއްވުމަށް ކެޕްޓަނުންނާއި އެ ބޯޓްތަކުގެ މެއިންޓެނެންސް ކަންތައްތައް ބެލެހެއްޓުމަށް ބޭނޫންވާ މީހުން މިހާރު ވަނީ އެ ކުންފުނިން ތަމްރީނު ކޮށްފަ އެވެ.
އިއްޔެ ގެނައި މަތިންދާ ބޯޓް އޮތީ ފެކްޓްރީން ނިންމި ގޮތަށް އަދި ދަވާދު ވެސް ރަނގަޅަށް ނުލަ އެވެ. ޓީއެމްއޭ އިން ބުނީ މަތިންދާބޯޓްގައި ދަވާދު ލުމާއި އޭގެ ލޭންޑިން ގިއާ ބަދަލު ކުރުމުގެ މަސައްކަތް ކުރާނީ އެ ކުންފުނީގެ އިންޖިނޭރުން ކަމަށާއި އެ މަސައްކަތް ގާތްގަނޑަކަށް ހަތަރު ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ކެނެޑާގެ ވައިކިން ކުންފުނީގެ ކުރީގެ އުފެއްދުންތަކާ އަޅާބަލާއިރު 800 ކަމެއް ތަފާތުކޮށް އުފައްދާފައިވާ ޓްވިން އޮޓާ 400 މަރުކާގެ ބޯޓުގައި 17 ފަސިންޖަރުންނަށް ޖާގަ ހިމެނެ އެވެ. އެ ބޯޓު ޓީއެމްއޭން ގަނެފައިވަނީ ފަސް މިލިއަން ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ