އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭ ގަޑިޔަށް ބަދަލު ގެނެސްފި

އަންނަ އަހަރު ރަސްމީ ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިޔަށް ބަދަލު ގެނައުމަށް ފެމިލީ ކޯޓުން ނިންމައިފި އެވެ.
ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި މިހާރު ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭ ގަޑި ކަމުގައިވާ 4:30 އަށެވެ. ޖެނުއަރީ މަހުން ފެށިގެން ފެމިލީ ކޯޓުން ރަަސްމީ ދުވަސްތަކުގައި ކޯޓުން ބޭރުގައި ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނީ 4:00 ރޭގަނޑު 10:00 އަށެވެ.
ފެމިލީ ކޯޓުން ބުނީ މި ބަދަލު ގެނައީ އެކޯޓުގެ ގަވައިދުގައި ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށް އަންގާ އިއުލާން ކުރުމަށް އޮންނަ އޮތުމައި ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ސަރުކާރު ބަންދު ދުވަސްތަކުގައި އެކޯޓުގައި ކައިވެނިކޮށް ނުދޭނެ ކަމަށްވެސް ކޯޓުން ވަނީ ބުނެފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން މިހާރެކޭވެސް އެއްގޮތަށް ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:00 އިން 11:30 އަދި މެންދުރު 13:30 އިން 14:30 އަށް ކަމަށެވެ. އަދި ސަރުކާރު ހުޅުވިފައި ހުންނަ ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ހަފްތާގެ ހަތް ދުވަހުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކޯޓުން ވަނި ބުނެ އެވެ.
މާލެއިން ބޭރުގައި ކައިވެނި ކޮށްދޭނީ ހަފްތާގެ ހުރިހާ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި، ރިސޯޓް އަދި ޔޮޓް ފަދަ ތަންތަނުގައި ކައިވެނިކޮށްދެނީ ހަވީރު 3:00 އިން ރޭގަނޑު 8:00 އަށް ކަމަށް ވެސް ފެމިލީ ކޯޓުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ