ދައުލަތުން ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުން ނިމުމަކަށް އައިސްފައެއް ނެތް: އަބްދުﷲ ގާޒީ

އާ ގާނޫނުއަސާސީ އަކަށް ދިވެހިން އަމަލުކުރަމުން ދިޔަ ނަމަވެސް ދައުލަތުން ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުން ހުއްޓުމަކަށް އައިސްފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ އާ ގާނޫނު އަސާސީއަކަށް އަމަލުކުރަން ފެށީތާ ހަ އަހަރުވީ ނަމަވެސް ގާނޫނާ ހިލާފަށް މީހުން ހިފާ ހައްޔަރުކުރުން ނިމުމަކަށް އައިސްފަައި ނުވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ވިދާޅުވީ އެފަދަ ހަތް މައްސަލައެއް މިދިޔަ އަހަރުވެސް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މައްސަލައަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ހައްޔަރުކުރި މައްސަލަ ކަމުގައި ވިދާޅުވި އެވެ. ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު ގާނޫނާ ހިލާފަށް ހައްޔަރުކުރީ ވެސް އޭނާ ހައްޔަރުކުރި އަހަރު ކަމުގައިވާ 2012 ވަނަ އަހަރު ކަމުގައިވެސް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ ދައުލަތުން ގާނޫނާ ހިލާފަށް މީހުން ހިފާ ހައްޔަރުކުރުމުގެ މައްސަލަތަކަކީ ދިވެހި ތާރީހުގައި އެކަން ކުރާ ފަރާތްތަކަށް އިބްރަތަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.
ދައުލަތުން ގާނޫނާ ހިލާފަށް ހައްޔަރުކުރި ބައެއް އެހެން މީހުންގެ މައްސަލަތަކުގެ މައުލޫމާތުވެސް އަބްދުﷲ ގާޒީ ހިއްސާކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ދެކޮޅަށާއި އެއް ބިދޭސީއަކު ފުލުހުންނާ ދެކޮޅަށް ހުށަހެޅި މައްސަލައަކާއި ދެ ދިވެއްސަކު ފުލުހުންނާ ދެކޮޅަށް ހުށަހެޅި މައްސަަލައަކާއި އަދި ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުނު ކަމުގައި ވިދާޅުވި އެވެ.
ދައުލަތުން ގާނޫނާ އަސާސީއާ ހިލާފަށް މީހުން ހައްޔަރުކުރަމުންދާ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވެފައިވާއިރު އޭނާ ހައްޔަރުކުރި މައްސަލާގައި ދައުވާ އުފުލުނު އެންމެ ބޭފުޅެއް ފިޔަވާ އެހެން ހުރިހާ ބޭފުޅުންގެ މައްޗަށް މިހާރު ވަނީ އެމައްސަަލާގައި ހުކުމް ކުރެވިފަ އެވެ. އެގޮތުން އެމައްސަލާގައި ދައުވާ އުފުލުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ކާނަލް މުހައްްމަދު ޒިޔާދު ވަނީ ޓެރަރިޒަމް ދައުވާއިން ސަލާމަތްވެވަޑައިގެންފަ އެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެެވެ. އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތުގެ އަޑުއެހުންތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައި މިވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑިމިޓް ކުރެއްވުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ މަހު އިންޑިއާއަށް ގެންދިއުމާއި ގުޅިގެންނެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ދައުވާއަށް އިޝާރަތްކުރައްވަ އޭނާ ވިދާޅުވީ ތިން އަހަރު ދުވަހުން ނިންމާނުލެވުނު ޝަރީއަތް އެންމެ 19 ދުވަހުން ކްރިމިނަލް ކޯޓުގައި އެމައްސަލަ ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތިން އަހަރު ދުވަސްވީ ޝަރީއަތް ކުރިއަށް ގެންދިޔައީ ޖަސްޓިސް ބިލްޑިންގުގައި ޓެންޓް ޖަހައިގެން ސްކޭން މެޝިން ބަަހައްޓާ މުޅި ގައުމު އެލާޓަށް ގެނެސްގެން ކަމުގަ އެވެ.
"އެ ދައުވާގައި ފައިސަލާކުރަނިވި ހުކުމަކާ ހަމައަށް ގެނައީ ކްރިމިނަލް ކޯޓުގެ ގާޒިންނާ ލޮބުވެތި މުވައްޒަފުން،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ