މިސަރުކާރު އައީ ވަރަށް ގިނަ ވައުދުތަކަކާއެކު ކަމަށާއި ނަމަވެސް ތިން އަހަރު ފާއިތުވެދިޔައިރުވެސް ރައްޔިތުން ތިބީ ވަރަށް ގިނަ ބޭނުންތައް ނުފުދި ކަަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި މައުސޫމް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ މަސްވެރިންނަށް ބެޔަސްނުބެޔަސް 10،000 ރުފިޔާ ދޭނެ ކަމަށް ބުނި ނަމަވެސް އެކަން ނުހިނގާ ކަމަށެވެ. އަދި ދަނޑުވެރިންނަށް ވެސް އެމީހުންގެ މަސައްކަތަށް 8،000 ރުފިޔާ ދޭނެ ކަމަށް ބުނި ކަމަށާއި އެކަންވެސް ނުވާ ކަމަށެވެ. މިކަންކަމަކީ ރިޝްވަތުތޯވެސް މައުސޫމް ވަނީ ސުވާލު އުފައްދަވާފައެވެ.
ޑރ. މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ވާދަވެރި މާކެޓަކަށް ހެދުމަށް އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ބަހައްޓަން ޖެހޭ ކަމަށެވެ. ނަމަވެސް ކުރިން އޮތް ބެޑް ޓެކްސް އުވާލައި ކުއްލިއަކަށް ގްރީން ޓެކްސް ތައާރަފްކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ އަގު ނިސްބަތުން ބޮޑުވުމުން ފަތުރުވެރިކަމަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ވެސް ހުންނެވި މައުސޫމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަތުން މިދެންނެވި ހުރިހާ ޓެކުހެއް ނެގެމުންދާއިރު އެކި ނަންނަމުގައި ޓީބިލާއި ލޯނުތައް ނަގައިގެން ދިވެހިންގެ ދަރަނިތައް މިދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުން. ގާނޫނުއަސާސީން ތިން ބާރުވަކިކޮށްދީފައި ވީނަމަވެސް ހުރިހާ ބާރެއް މުށުތެރެއަށް ލައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ވަނީ ހަނިކޮށްފައި" ޑރ.މައުސޫމް ވިދާޅުވިއެވެ.
ޑރ. މައުސޫމް ވިދާޅުވީ ބޭރު ދުނިޔެއިން ރާއްޖެއާ ގުޅޭގޮތުން ބަހެއްބުނެފިނަމަ އެބަޔަކު ކަމުނުދާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ވަނީ ބައިނަލްއަގުވާމީ ދުނިޔެއިން ވެސް އެކަހެރިވެފައި ކަަމަށެވެ. އަދި ވިދާޅުވީ ހަތަރު ލީޑަރުން ކެރިގެން މަސައްކަތް ފެއްޓެވުމުން ސަރުކާރަށް ހަތަރުއުދަރެސް ފެނުޖެހި، ހަތަރެސްފައިން ގޯސް ހަދަން ފަށާފައިވާ ކަމަށެވެ. ސިޔާސީ ލީޑަރުންނަށް ބިރުދައްކައި އަނިޔާ ކުރަމުންދަނީ އެހެންވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުން ތިބީ ބޭނުންތައް ނުފުދި: ޑރ.މައުސޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ