އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވާދަކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.
ސައިންސްގެ ދާއިރާ އިން ޕްރޮފެސަރުކަން ހޯއްދެވި ފުރަތަމަ ދިވެއްސަށް ވެވަޑައިގެން ޔުނިވަސިޓީ އޮފް ބްރެޑްފަޑްގައި ވަޒީފާ އަދާކުރައްވާ އުގައިލް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ހޮވުމަށް ފޭސްބުކާއި ސޯޝަލް ނެޓްވޯކްތަކުގައި ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. އަދި " 2013 އަށް ޕްރޮފެސަރު އުގައިލް" ގެ ނަމުގައި ވަނީ ފޭސްބުކް ޕޭޖެއް ވެސް ހަދައިފަ އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އުގައިލް ފޯނުން "ހަވީރަ"ށް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ރާއްޖޭގެ ސިޔާސީ އެއްވެސް ކަމެއްގެ ތެރޭގައި އަދި ނޫޅުއްވާއިރު، އިންތިހާބުގެ އެއްވެސް ވިސްނުމެއް ވެސް ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ހިދުމަތް [އަޅުގަނޑަށް] ކުރެވިދާނެ. އެކަމަކު އަޅުގަނޑު އަދި ޝައުގުވެރިކަމެއް ނެތް. ރާއްޖޭގެ މައްސަލައަކީ ބޮޑު ގޮނޑި ބޭނުންވާ މީހުން ނިސްބަތުން ގިނަވުން،" އުގައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންތައްތަކުގައި ރާއްޖޭގެ ނިސްބަތުން ގިނަ ބަޔަކު ޝާމިލްވެ އަމިއްލަ އެދުން އިސްކޮށްގެން އުޅުމަކީ ވެސް މައްސަލައެއް ކަމަށެވެ. ރާއްޖެ އަށް އެކިގޮތްގޮތުން ހިދުމަތްކޮށްދެއްވަން ބޭނުންވާ ކަމަށާއި ނަމަވެސް ސިޔާސީ ދާއިރާ އިން އެއްވެސް ޝައުގުވެރިކަމެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކިގޮތްގޮތުން [ރާއްޖެ އަށް] ހިދުމަތްކުރަން އަޅުގަނޑު ބޭނުން. ރޭޑިއޯ ޓީވީ މެދުވެރިކޮށް އަޅުގަނޑަށް އެނގި ހުރެ މައުލޫމާތުތައް ހިއްސާކުރަމުން މިހާރު ވެސް މި އަންނަނީ. އެއީ އަޅުގަނޑުގެ އުފަލަކަށް ކުރާ ކަމެއް. އެއްގޮތަކަށް ވެސް ކެމްޕޭނެއް ނޫން. އެގޮތަށް އަޅުގަނޑުގެ ޕްރޮގްރާމްތަކަކީ ކެމްޕޭނެއް ކަމަށް ބައެއް މީހުން ހީކޮށްފާނެ،" އުގެއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ދާއިރާ އަށް މިހާރު ޝައުގުވެރިކަން ނެތުމަކީ "ކުރިމަގުގައި އެ ދާއިރާ އިން ނުފެންނާނެ ވާހަކައެއް ވެސް ނޫން" ކަމަށެވެ.
އުގެއިލް ވިދާޅުވި ގޮތުގައި، އިންތިހާބުގައި އޭނާ އަށް ވޯޓުދިނުމަށް އެދި ޕޭޖެއް ހަދާފައިވާކަން ރައްޓެހިންގެ ފަރާތުން ވަނީ އިވިވަޑައިގެންފަ އެވެ. ނަމަވެސް އެއީ އޭނާ އަށް އެނގިވަޑައިގެން ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަމެއް ނެތް: ޕްރޮފެސަރު އުގައިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ