ބަންދު އަމުރުގެ އަޑުއެހުންތައް ހުޅުވާ ނުލާން ހައި ކޯޓުން ނިންމައިފި

ހައި ކޯޓުގައި އިސްތިއުނާފު ކުރާ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީއަތުގެ މަޖިލިސް އަޑުއަހަން އާއްމުކޮށް ނުވަދެވޭ ގޮތަށް، މިއަދުން ފެށިގެން އެ ކޯޓުން ހަމަޖައްސައިފި އެވެ.ހައި ކޯޓުން ކުރިން އަމަލުކުރަމުން ގެންދިޔަ އާއްމު އުސޫލަކީ، ބަންދު އަމުރު ވެސް ހިމެނޭ ގޮތަށް، މައްސަލަތަކުގެ އަޑުއެހުންތައް އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމެވެ. އެކަމަކު، މައްސަލައިގެ ބާވަތަށް ބަލައި ބައެއް ޝަރީއަތްތަކުގެ މަޖިލިސްތައް އަޑުއަހަން ނުވަދެވޭ ގޮތަށް އެ ކޯޓުން ނިންމަ އެވެ.އިއްޔެ ނެރުނު ބަޔާނެއްގައި ހައި ކޯޓުން ބުނި ގޮތުގައި މިއަދުން ފެށިގެން އެ ކޯޓުން އަމަލުކުރާނެ އާއްމު އުސޫލަކީ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީއަތުގެ މަޖިލިސް އާއްމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދިއުމެވެ. އަދި މަރުގެ މައްސަލަތަކާއި މާރާމާރީ އާއި މަސްތުވާތަކެއްޗާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ ބަންދު އަމުރުގެ މައްސަލަތަކުގެ އަޑުއެހުންތައް، އެއްވެސް ހާލަތެއްގައި ހުޅުވާ ނުލާނެ ކަމަށް އެ ކޯޓުން ބުންޏެވެ."[އެ] މައްސަލަތައް ފިޔަވާ އެހެނިހެން މައްސަލަތަކުގައި، ހާލަތުތަކަށް ރިއާޔަތް ކުރުމަށް ފަހު އެފަދަ މައްސަލަތައް ބައްލަވާ ބެންޗުން މައްސަލައިގެ އަޑުއެހުމަށް މީހުން ވެއްދުމުގެ އިހުތިޔާރު ލިބިގެންވެ އެވެ. މިގޮތުން، އަޑުއަހަން ވަންނަ ފަރާތަކީ މައްސަލައިގެ ހެއްކަކަށް ވެދާނެ ފަދަ މީހަކު ކަމުގައި ނުވާ، މައްސަލައިގައި ހިމެނޭ ފަރާތުގެ ގާތް ތިމާގެ މީހުންނަށް ޝަރީއަތް އަޑު އެހުމަށް ވަދެވިދާނެ އެވެ،" ބަޔާނުގައިވެ އެވެ.ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އާއި ކޯޓުތަކާ ބެހޭ ގާނޫނުގެ 71 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީއަތުގެ މަޖިލިސް އެއްކޮށް ނުވަތަ ވަކި ބައެއް އާއްމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ