މެމްބަރުން ހައްޔަރުކުރާއިރު އާންމުންނަށް ރައްކާތެރިކަމެއް ނެތް: މައުމޫން ހަމީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ގާނޫނާއި ހިލާފަށް އަމަލު ކުރަމުންދާއިރު އާންމުންނަށް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ ރައްކާތެރިކަން މިއަދު ނެތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ބެހެއްޓުމަކީ ގާނޫނާއި ހިލާފް ކަމެއް ކަމަށް ވިދާޅުވެ މައުމޫން ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ގާނޫނުތަކާ ހިލާފަށް އަމަލު ކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް މިހާރު ނެތް ކަމަށެވެ.
މައުމޫން ވިދާޅުވީ މަތީ މަގާމުތަކުގައި ތިބޭ މީހުންނާއި ގުޅުން ހުރި ކަންކަމުގައި ގަސްދުގައި ގާނޫނުތަކަށް އިހްމާލުކުރާ ނަމަ އާދައިގެ ރައްޔިތުންނަށް ގާނޫނުން ލިބިދޭނެ އެއްވެސް ރައްކާތެރިކަމެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ގާނޫނު ނަގަހައްޓަން ކަމަށް ހުވާ ކޮށްގެން ތިބި މީހުން އެ ގާނޫނުތަކުގެ ހުރުމަތް ކަނޑަމުންދާތަން އާންމު ރައްޔިތުންނަށް ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ކުށެއް ނުކުރާ މީހަކު ގަދަބާރުން ހައްޔަރު ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮތްނަމަވެސް ގަދަބާރުން މީހުން ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަންވެސް މިހާރު ރައްޔިތުންނަށް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މީގެ ކުރިން ގާނޫނާއި ހިލާފު އަމަލުތައް ސަރުކާރުގެ މުއައްސަސާތަކުން ކުރުމުން މިފަދަ ހާލަތްތަކުގައި ޕީޖީން އެކަންކަމުގައި ތަދައްޚުލުވެ ގާނޫނު ނަގަހައްޓަން މަސައްކަތް ކުރި ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ގައުމުގެ ހާލަތަށް ފާޑު ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ހުންނެވީ ގާނޫނާ ހިލާފަށް ކަމަށް ގާނޫނީ ބޭފުޅުން ސިޔާސީ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވީ ގާނޫނުގައި ބުނާ އެއްޗަކަށް ބެލުމެއް ނެތި މަޖިލީހުގެ މެންބަރުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަންނަމުންދާނަމަ، ގާނޫނުގެ ދަށުން ހަމަ އެފަދަ ރައްކާތެރިކަން ލިބިދީފައިވާ ފަނޑިޔާރުންނާއި ސަރުކާރުގެ އެހެން ވެރިން ހިމާޔަތް ކުރުމަށް ގާނޫނުގައި ބާކީ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހައްޔަރުކޮށްފައިވަނީ އަސްލެއް ނެތް ތުހުމަތުތަކަކާއި ދައުވާތަކެއްގެ ސަބަބުން ކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެެވ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ