މުއިއްޒު އިހުމާލުވެފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑަނޭޅޭ ކަމަށް ހުކުމް ކޮށްފި

ހައުސިން މިނިސްޓަރު މުހައްމަދު މުއިޒް ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެފައިވާކަން ސިވިލް ކޯޓުން ކަނޑަނޭޅޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މި ގޮތަށް ހުކުމް ކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ މައްޗަށް މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ދައުވާއަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު މިއަދު ނިންމެވި މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީގެ މައްޗަށް ސިޓީ ކައުންސިލުން ކޮށްފައިވާ ދައުވާއަކީ ދައުލަތުގެ ވަޒީރެއްގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި މުއިއްޒު އިހުމާލުވެފައިވާކަން ކަނޑައަޅައިދިނުމަށް އެދި ކޮށްފައިވާ ދައުވާއެއް ކަމަށާއި ދައުލަތުގެ ވަޒީރުންގެ މަގާމަކީ ގާނޫނު އަސާސީގެ ނައްސުން ކަނޑައެޅިފައިވާ ދުސްތޫރީ މަގާމެއްކަން 129 ވަނަ މާއްދާ އިން އެނގެން އޮންނަ ކަމަށެވެ.
ވަޒީރެއްގެ މަގާމު އަދާކުރުމުގައި އިހުމާލުވެފައިވާކަން ކަނޑައެޅުމަކީ އެ މަގާމުގައި ދެމިހުރުމާ މެދު ދުސްތޫރީ ގޮތުން ސުވާލު އުފެދޭ ކަމަކަށް ވުމާއި އެފަދަ މައްސަލައެއް ވެގެންދާނީ ސީދާ ދުސްތޫރީ މައްސަލައަކަށް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާތީ ސިޓީ ކައުންސިލުން ކޮށްފައިވާ ދައުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ