ބަންދުގައި ބަހައްޓައިގެން ޖާބިރު ކޯޓަށް ހާޒިރުކުރުމަށް ކޯޓުން އަމުރުކޮށްފި

ހދ.ހޮނޑައިދޫގައި ބަނގުރާ ބޭނުންކުރި ކަމުގެ ތުހުމަތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރުވެ ވަޑައިގެންފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.ކޯޓުން ނެރުނު އަމުރުގައި ވަނީ ބަންދުގައި ބަހައްޓައިގެން ބުރާސްފަތި ދުވަހު މެންދުރު 12:00 ގައި ޖާބިރު ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ. ކޯޓަށް ހާޒިރު ނުވުމުން ޖާބިރުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައި ވާއިރު ފުލުހުން ބުނީ ޖާބިރު ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންތައް ކުރަމުން އަންނަ ކަމަށެވެ. ހޮނޑައިދޫގައި ބަނގުރާ ބޭނުންކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ޖާބިރުގެ މައްސަލަ މާދަމާ އާއި މި މަހުގެ 12 ވަނަ ދުވަހާއި 26
ވަނަ ދުވަހު ވެސް ބޭއްވުމަށް ކޯޓުން ވަނީ ތާވަލް ކޮށްފަ އެވެ. އަދި އެގޮތަށް ކުރިއަށް
ގެންދެވިއްޖެ ނަމަ އަންނަ މަހުގެ 31 ވަނަ ދުވަހު މައްސަލައިގެ ހުކުމް
ކުރައްވާނެ ކަމަށް، މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފަ އެވެ.މި މައްސަލައިގައި ޖާބިރާއި ހާމިދުގެ އިތުރުން ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލުގެ މައްޗަށް ދައުލަތުން ކުރަނީ
ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ދައުވާއަކާއި ކުޑަކަމުދާތަކެތި ނުދިނުމުގެ
ދައުވާއަކާއި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާއެކެވެ. ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ
ބޭފުޅަކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް
ނުވަތަ އަރުވާލުމަށް ނުވަތަ ގޭ ބަންދުކުރުމަށް ނުވަތަ 1،000ރ. އާއި
5،000ރ. އާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރުމަށް ހުކުމްކުރާނެ އެވެ.ގާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއި
ކުށެއް ސާބިތުވެ، އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް
އަތުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެ އެވެ.ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ
ސާބިތުވެއްޖެނަމަ 15 އަހަރަށް ޖަލަށްލުމާއެކު
ޖޫރިމަނާ ކުރުމަށް ހުކުމްކުރާނެ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް
އަދި ނުފަށަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ