ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން މަޖިލީހުގެ ކޮމިޓީއަށް ވަޑައިގަތުމަށް އެދެފި

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ފުރަތަމަ ފަހަރަށް ރައްޔިތުން މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވައިފި އެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އެ ބޭފުޅުން ހާޒިރުވެވަޑައިގަތުމަށް ދެންނެވީ "ގައުމުގެ ހާލަތާމެދު އިލްމީ ދިރާސާއެއް ކުރައްވާތީ މަޝްވަރާކުރެއްވުމަށް" ކަމަށް އެ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު ވިދާޅުވި އެވެ. އެއީ 11 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު ހުވާނުކުރެއްވިއްޖެ ނަމަ ގާނޫނީ ގޮތުން ނުކުންނާނެ މައްސަލަތަކާމެދު މަޝްވަރާކުރެއްވުމަށް ކަމަށް ސަމީރު ވިދާޅުވި އެވެ.
"އެ ބޭފުޅުން މި ގެންނަނަނީ އެ ބޭފުޅުންގެ މަސައްކަތާބެހޭ ގޮތުން ޖަވާބުދާރީ ކުރުވާކަށެއް ނޫން. އިންތިހާބު ނުބޭއްވި ލަސްވާތީ އެކަމާ އިލްމީ ގޮތުން މަޝްވަރާކުރައްވަން،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަތް ފަނޑިޔާރުން ވަކިވަކިން ވަޑައިގަތުމަށް ދަންނަވާފައިވާއިރު، ފުރަތަމަ ފަނޑިޔާރަށް ދަންނަވާފައިވަނީ 3:00 އަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންދާނީ ސިއްރު ބައްދަލުވުމުގެ ގޮތުގައި ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒާއި އަބްދުﷲ ސައީދާއި މުއުތަސިމް އަދްނާނާއި އަލީ ހަމީދާއި އާދަމް މުހައްމަދާއި އަބްދުﷲ އަރީފާއި އަހްމަދު އަބްދުﷲ ދީދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ