ނިލަންދޫ ދާއިރާގެ މެމްބަރު ޕީޕީއެމަށް ސޮއިކުރައްވައިފި

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ
ދާއިރާ އަށް ހޮވިވަޑައިގެންނެވި އަބްދުﷲ ހަލީލް މިއަދު ޕީޕީއެމަށް
ސޮއިކުރައްވައިފި އެވެ.
ހަލީލް ޕީޕީއެމަށް ސޮއިކުރެއްވީ މިއަދު މެންދުރު މުލިއާގޭގައި ބޭއްވި
ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި
ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އަދި ޓޫރިޒަމް މިނިސްޓަރު
އަހުމަދު އަދީބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިދިޔަ މާޗު މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ހަލީލް އެ ގޮނޑި
ކާމިޔާބުކުރެއްވީ އޭނާގެ ބޮޑުބޭބެ އަބްދުލް މުހްސިން މުހައްމަދު (ޖޭފޯ) އާ
ވާދަކުރައްވައި އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނަމަވެސް ތަފާތު އެކި
ޝަކުވާތަކާ ގުޅިގެން ދެ ވަނަ ފަހަރަށް ގުނުމުން މި ފަރަގު ތިން ވޯޓަށް
އިތުރުވި އެވެ.
ނިލަންދޫ
ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް މިއަދު ޕީޕީއެމަށް ސޮއިކުރައްވަނީ:
ހަލީލް ސޮއިކުރެއްވުމުން މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ
އަދަދު 43 އަށް އެރީ. -- ހަވީރު ފޮޓޯ/ މުހައްމަދު ޝަރުހާން ހަލީލް
ޕީޕީއެމަށް ސޮއިކުރެއްވުމާ އެކު ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ،
ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އަދަދު 38 އަށް އެރީ އެވެ. އެމްޑީއޭގެ
ފަސް މެމްބަރުންނާ އެކު، ވެރިކަންކުރާ ކޯލިޝަނަށް މަޖިލީހުގައި ލިބިފައިވާ
ގޮނޑީގެ އަދަދު 43 އަށް އަރަ އެވެ. އަދި މަޖިލީހުގައި މިނިވަން
މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވީ މަޑަވެލި ދާއިރާގެ މުއާޒް
މުހައްމަދު ރަޝީދު އެކަންޏެވެ.
ހަލީލް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފެށިގެން އައި އިރު ވެސް އެންމެ
ގާތްކޮށް އުޅުނު ފަރާތްތައް ތިބީ ޕީޕީއެމްގައި ކަމަށާއި މުސްތަގުބަލު އޮތީ
ވެސް ޕީޕީއެމްގައި ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. މުސްތަގުބަލުގައި
ރަނގަޅު ކަންތައްތަކެއް ގެންދެވޭނީ ޕީޕީއެމްގެ ތެރެއިން ކަމަށް
ގަބޫލުކުރައްވާ ކަމަށާއި ރައްޔިތުންނަށް ރަނގަޅު ގޮތަށް މަސައްކަތްކުރުން
މެންބަރުންގެ މައްޗަށް ލާޒިމްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން މި ސަރުކާރުގެ އިކޮނޮމިކް
އެޖެންޑާއަކީ އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރާ، އިރާދަކުރެއްވިއްޔާ އެ
އެޖެންޑާގައި ހުރި މުހިންމު މަގުސަދުތައް ހާސިލްކުރުމަށްޓަކައި
އަޅުގަނޑުމެންގެ ތެރެއިން، މަޖިލިސް މެންބަރުންގެ ތެރެއިން
އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ދައުރު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ހަލީލަކީ ކުރިން ވެސް އެ ޕާޓީއާ އެކު
މަސައްކަތްކުރައްވަމުން ވަޑައިގެންނެވި ބޭފުޅެއް ކަމަށާއި ޕީޕީއެމްގެ
މަޖިލީހުގެ މެންބަރުން ގިނަވި ވަރަކަށް ސަރުކާރުގެ މަސައްކަތްތައް ކުރުމަށް
ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިހާރު ލިބިފައިވާ އަގުލަބިއްޔަތު
ރަނގަޅު ގޮތުގައި ސަރުކާރުން ބޭނުން ހިފާނެ ކަމަށާއި މެނިފެސްޓޯގައި ހުރި
ކަންކަން ފުރިހަމަކުރުމަށް މި އަގުލަބިއްޔަތުގެ ބޭނުން ހިފާނެ ކަމަށް ވެސް
ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ