300 މިލިއަން ރުފިޔާގެ ލޯން ނެގުމުގެ ކުރިން މަޖިލީހަށް އަންގާފައެއް ނެތް: އަބްދުﷲ އަބްދުއްރަހީމް

ދައުލަތުގެ ބަޖެޓް ސަޕޯޓަށް 300 މިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަރުކާރުން ނަގާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިން އަންގާފައި ނޫން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ބަޖެޓް ދިރާސާކުރި ކޮމެޓީގައި ވެސް ހިމެނިވަޑައިގެންނެވި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރިއިރު، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރުން ނަގަން ހުށަހެޅި 65 މިލިއަން ޑޮލަރު ( 1 ބިލިއަން ރުފިޔާ) ގެ ލޯން ހިމަނާފައިވީ ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިއަން ރުފިޔާގެ ލޯނެއްގެ ވާހަކަ ނޯންނާނެ ކަމަށެވެ.
"އެ 65 މިލިއަން ޑޮލަރުގެ ލޯނު ނަގާނެ ދިމަދިމާލާއި ހުރިހާ ތަފުސީލްތައް މަޖިލީހުގެ ލިޔެކިޔުންތަކުން ފެންނަން ހުންނާނެ. އެކަމަކު ބޭންކް އޮފް މޯލްޑިވްސް އިން ކޮމާޝަލް ލޯނެއްގެ ގޮތުގައި 300 މިލިއަން ރުފިޔާ ނަގާ ވާހަކައެއް ނޯންނާނެ،" ކުރިން މާލިއްޔަތު ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިއަން ރުފިޔާ ނެގުމަށް ސަރުކާރުން ނިންމީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ހޯދުމަށް މަޖިލީހުން ފާސްކޮށްފައިވާ 65 މިލިއަން ޑޮލަރު ނުލިބިގެން ކަމަށް ބެލެވޭ ކަމަށެވެ.
"އެހެންވެއްޖިއްޔާ ހާލަތު ބަދަލުވެގެން މި އުޅެނީ. އެ 65 މިލިއަން ޑޮލަރު ނުލިބިގެން 300 މިލިއަން ރުފިޔާ ނަގާ ކަމަށް ވަންޏާ އެކަން ވެސް މަޖިލީހަށް އެނގެން ޖެހޭނެ،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 300 މިލިއަން ރުފިޔާގެ ލޯން ބޭންކް އޮފް މޯލްޑިވްސް އިން ނެގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައި ވަނިކޮށް، އެ ލޯނު ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުދަ ދުވަހު ބުނެފަ އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ އެ ލޯނު ނެގިއިރު މަޖިލިސް އޮތީ ޗުއްޓީގައި ކަމަށާއި އެކަން ކުރަން ޖެހުނީ ވަރަށް އަވަސް ގޮތަކަށް ކަމަށެވެ.
ބަޖެޓް ސަޕޯޓަށް ބޭނުންވެގެން ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިއަން ރުފިޔާގެ ލޯނު ނަގާފައި ވަނީ މަޖިލީހަށް ނާންގައި ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި ނަމަވެސް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ ބަޖެޓް ސަޕޯޓަށް ލޯނު ނެގުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރިއިރު ހިމަނާފައިވާނެ ކަމަށެވެ.
"އުސޫލެއްގެ ގޮތުން އެއީ މަޖިލީހުން ނިންމާފައި އޮތް ކަމެއް. ދެން ބަލަން ޖެހޭނީ އެގްރީމަންޓުގައި ސޮއިކުރި މުއްދަތެއް. އެއީ ވަކިން ބަލަންޖެހޭ ކަމެއް. ނަމަވެސް އެ ލޯނު ދިނުމަށް މަޖިލީހުން އޮތީ ރުހުން ދީފައި،" ނާޒިމް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ