ތިނަދޫ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އިޖުރާއަތްތަކާ ހިލާފަށް: ހުކުމް

ފެބްރުއަރީ 8، 2012ގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގދ. ތިނަދޫ 89 މީހެއްގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި ސިޓީ ބާތިލްކޮށް އަދި ކޯޓުގެ ނިންމުން އިޖުރާއަތްތަކާ ހިލާފު ކަމަށް ވެސް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.ދައުލަތުގެ ވަކީލުން ހާޒިރުނުވާ ކަމަށް ބުނެ ތިނަދޫ މއްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މި މަހު 22 ވީ ހޮނިހިރުދުވަހު އެވެ. އެ މައްސަލަ ބޭރުކޮށްލިކަން އަންގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި ސިޓީ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ އެ ދުވަހު ކޯޓަށް ހާޒިރުނުވީ އެއީ ބަންދު ދުވަހަކަށް ވާތީ ވަކީލުން އުޒުރުވެރިވުމުން ކަމަށެވެ.ޕީޖީ މުހުތާޒް މުހުސިން އާއި ޑެޕިއުޓީ ޕީޖީ މަހުމޫދު ސަލީމް ވެސް ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޝަރީއަތުގައި ހައި ކޯޓުން ކުރި ހުކުމުގައި ތިނަދޫ މައްސަލަ ކުރިއަށް ގެންދަން ކަނޑައަޅާފައި ވަނީ ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހާ ދެމެދު ވަކި ގޮތަކަށް އެއްބަސްވެގެންކަން ދެ ފަރާތުގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.ދެ ފަރާތުން އެއްބަސްވެފައި ވަނީ ނޮވެމްބަރު 19-27 އަށް ސިލްސިލާ ގޮތެއްގައި އަޑުއެހުންތައް ކުރިއަށް ގެންދާށެވެ. ނަމަވެސް އެ ތާވަލުގައި 22 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައެއް ނުވެ އެވެ.އެ ދުވަހު އަޑުއެހުމެއް ތާވަލްކުރީ 20 ވަނަ ދުވަހުގެ އަޑުއެހުން ނުބޭއްވުމުން ކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވާނެކަން ޕީޖީ އޮފީހަށް ކްރިމިނަލް ކޯޓުން އެންގީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަން ލިޔެކިޔުންތަކުން އެނގެ އެވެ.ނޮވެމްބަރު 22 ގެ އަޑުއެހުން ތާވަލްކޮށް ޕީޖީ އޮފީހަށް އެކަން އެންގީ ކޯޓު އަމުރަކުން ނޫން ކަމަށް ވާތީ ކޯޓު އަމުރަކުން ހާޒިރުކުރާ މީހުންނާ ނުވަތަ އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން ދައުލަތާ މެދު އަމަލުނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.ހައި ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ މައްސަލަ ބޭރުކޮށްލީ ޕީޖީ އޮފީހުން ދެއްކި ވާހަކަތަކަށް އެކަށީގެންވާ ގޮތެއްގައި ކްރިމިނަލް ކޯޓުން ރިއާޔަތްނުކޮށް ކަމަށާއި އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށެވެ. އެހެންކަމުން ތިނަދޫގެ 89 މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކުރީ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށާއި މައްސަލަ ބާތިލްކުރަން ފޮނުވި ސިޓީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަނެ އެވެ.ހައި ކޯޓުގެ މައްސަލައިގެ ތެރެއަށް ތިނަދޫގެ ދެ މީހަކު ތަދައްހުލްވި އެވެ. އެ ދެ މީހުންގެ ފަރާތުން ކޯޓުގައި ވާހަކަ ދައްކަވަމުން ވަކީލުން ވިދާޅުވެފައި ވަނީ ކޯޓަށް މީހުން ހާޒިރުކުރުމާއި މައްސަލަތަކަށް ވަކީލުން ހާޒިރުވުމުގެ އުސޫލްތަކަށް ބަލާއިރު ޝަރީއަތެއް ކުރިއަށް ގެންދަން ކޯޓުން ކަނޑައަޅާ އެއްވެސް ކަމެއް ދައުވާ ހުށަހަޅާ ފަރާތުން ނުކޮށްފި ނަމަ އެ ދައުވާ އަނބުރާ ފޮނުވާލުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.އެ ވަކީލުން ވިދާޅުވި ގޮތުގައި ޕީޖީގެ ވަކީލުންނަށް ވުމުން އިޖުރާއަތްތަކުގެ ބޭރުން ވަކި ހާއްސަ ގޮތަކަށް އަމަލުކުރުމަކީ އިންސާފު ގާއިމްކުރުމުގައި ހަމަހަމަކަން އޮންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ބުނުމާ މުޅިން ހިލާފު ނިންމުމަކަށް ވާނެ އެވެ. އަދި ކޯޓަށް ހާޒިރު ނުވާން ހުށަހަޅާ އުޒުރަކީ މަގުބޫލު އުޒުރެއްތޯ ކަނޑައެޅުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ވެސް ލިބިގެން ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ.ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ޖިނާއީ މައްސަލައެއް ބަލައިގަނެ އަޑުއެހުމެއް ބޭއްވުމަށް ފަހު އެމައްސަލައިގެ ޝަރީއަތުން ހުކުމެއް ކުރުމަކާ ނުލައި އަދި އިދާރީ ގޮތުން ހަމަނުޖެހިވާ ކަމެއް ހަމަޖެއްސުމަށް އިތުރު މަސައްކަތެއް ނުކޮށް، އިތުރު ވަގުތު ލިބިނުދީ އިދާރީ ފިޔަވަޅެއްގެ ގޮތުން އެ މައްސަލަ ކޯޓުން ބޭރުކުރެވިގެން ނުވާނެ އެވެ."އެގޮތުގެ މަތިން އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިދޭ އެއްވެސް ގާނޫނެއް، ގަވާއިދެއް އަދި އިޖުރާއަތެއް ވެސް، ދިވެހި ރާއްޖޭގައި އަމަލުކުރެވެމުންދާ ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމްވެފައިވާކަން އެނގެން ނެތް ކަމަށް މި ގަޒިއްޔާ ބެލި ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވެ އެވެ،" ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ޔޫސުފް ހުސައިން އަދި އައްބާސް ޝަރީފް ބެއްލެވި މައްސަލައިގެ ހުކުމުގައިވެ އެވެ.ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ޕީޖީ އޮފީހުން ވަނީ އަލުން ހުށަހަޅައިފަ އެވެ. ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ ދެ ވަނަ ފަހަރަށް ވެސް ބޭރުކޮށްލުމުންނެވެ. އަދި އިސްތިއުނާފުކުރުމަށް ފަހު ވެސް ޕީޖީ އޮފީހުން ތިނަދޫ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ކުރިއަށް ދާތީ ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ