ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް: މުޣުނީ

ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުންނެރޭ އަދި އިތުރު ކަނބަލުން މިސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މުޣުނީ މިހެން ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރުކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވިނަމަވެސް، ކޮވިޑާގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު ކޯސް ފުރިހަމަ ކޮށްފައިވަނީ 10 ބައިވެރިން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެތެރެއިންވެސް ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ.
ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ، ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ދެއްވާފައެވެ. އަންހެނުންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި މިކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއް ކަމަށް ވިދާޅުވިއެވެ.
ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމައެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީވެސް މިސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި ދެޖިންސްގެ ޒުވާނުންނަށްވެސް ސްޓެލްކޯއަކީ ހުޅުވާލެވިފައިވާ މުއައްސަސާއެއްކަން ހާމަވާ ކަމެއް ކަމަށް އެމްޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓެފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއްކަން މުޣުނީ ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަނީ، ކޯސް ފުރިހަމަކުރި ބައިވެރިންނަށް އަމިއްލަ ނަމުގައްޔާ މަޖިލީހުގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ.
އަދި މިފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެހެން ނަމަވެސް، މިއަދު ކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މިދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށް ވިދާޅުވިއެވެ.
ކޯސް ނިންމި ބައިވެރިންގެ ފަރާތުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ވިދާޅުވީ، މިދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށާއި، އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާކުރުމުގެ މަގުސަދުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ