ޖަމީލު ވަކިކުރަން އަދީބު ރިޝްވަތު ދިން ކަމަށް އުމަރު ވިދާޅުވި މައްސަލަ ބަލާނެ ހައިސިއްޔަތެއް ނެތް: ޕީޕީއެމް
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ނާއިބު ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް އުމަރު ނަސީރު ވިދާޅުވެފައިވާ މައްސަލަ ބަލާނެ ހައިސިއްޔަތެއް ނެތް ކަމަށް ޕީޕީއެމުން ބުނެފި އެވެ. ރ. އިނގުރައިދޫގެ 100 މީހަކު ޕީޕީއެމްއަށް ސޮއިކޮށްފައިވާ ފޯމްތައް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމާ ހަވާލު ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ އެ މައްސަލަ ބަލާނެ ހައިސިއްޔަތެއް ނެތީ އުމަރު ރަސްމީ ސިފައެއްގައި އެ މައްސަލަ ޕީޕީއެމްއަށް ހުށަހަޅުއްވާފައި ނުވާތީ ކަމަށެވެ. "... ތިޔަ ވިދަޅުވާ އުމަރު ނަސީރު މިހެން ވިދާޅުވި، އަޅުގަނޑުވެސް އެކަން ދުށީ ނޫހުން. އެ ވާހަކަ އަޅުގަނޑާ ހަމައަށް އުމަރު ނަސީރު ގެންނަވާފައެއް ނެތް. އަދި އަޅުގަނޑުމެންގެ ޕާޓީގެ އެއްވެސް ރަސްމީ ދާއިރާއެއްގައި އެ ވާހަކަ ދެކެވިފައެއް ނެތް. އެހެންވީމާ އެކަން ބަލާނެ ހައިސިއްޔަތެއް ނެތް އަޅުގަނޑު،" މައުމޫނު ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޖަމީލު މަގާމުން ދުރުކޮށް، އެ މަގާމަށް އަދީބު އިންތިހާބު ކުރުމަށް އަދީބު ދިން ރިޝްވަތުގައި ރައްޔިތުންގެ އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ތެރެއިން ތިން މީހަކު ފިޔަވައި އެންމެން ރިޝްވަތު ހިފާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ