ކޮވިޑް ޖެހުނު ހަތް މީހަކު އައިސީޔޫގައި، ހަތަރު މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު ހަތް މީހަކަށް މި ވަގުތު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާ އޭގެ ތެރެއިން ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއީ މި ފަހުން މިހާ ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހޭ މީހުންގެ ނިސްބަތް ދަނީ ރެކޯޑް މިންވަރަކަށް އުފުލެމުންނެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހުނު 48 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.
މިއަދަކީވެސް ރެކޯޑް މިންވަރަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1،325 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 681 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.
ރިސޯޓްތަކުން 54 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 7،574 ސާމްޕަލް އެވެ. މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 3،635 ސާމްޕަލެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 36 ޕަސެންޓް ގައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 13،035 މީހުންނެވެ. މިހާތަނަށް 101،660 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 48 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑްގައި އިއްޔެ ވަނީ ހަތަރު މީހަކު މަރުވެފައެވެ. އިއްޔެގެ މަރުތަކާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 269 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ