މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީން 103 މަޝްރޫޢެއް ކުރިއަށްގެންދިޔަ

މިދިޔައަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީން 103 މަޝްރޫއެއްގެ މަސައްކަތް ކުރިއެއް ގޮސްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ޢާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މި 103 މަޝްރޫޢުގެ ތެރޭގައި ބަނދަރު ހެދުމުގެ 43 މަޝްރޫޢަކާއި، ބިން ހިއްކުމުގެ 3 މަޝްރޫޢަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 11 މަޝްރޫއަކާއި، މަގު ހެދުމުގެ 9 މަޝްރޫޢަކާއި އެއަރޕޯޓް ތަރައްޤީކުރުމުގެ 3 މަޝްރޫއެއް ހިމެނެއެވެ.
އެމްޓީސީސީން ވަނީ 10 މަޝްރޫޢެއްގެ މަސައްކަތް މިދިޔަ އަހަރުގެ ފަހު ކުއަރޓަރުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެމަޝްރޫޢުތަކުގެ ތެރޭގައި ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ލ. ފޮނަދޫގެ މައި މަގުތައް ހެދުމުގެ މަސައްކަތާއި، ކ. މާފުށީ ޕިކްނިކް އައިލެންޑުގެ ބިން ހއްކުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން ހަތަރު ވަނަ ކުއާޓަރުގެ ތެރޭގައިވަނީ އައު 8 މަޝްރޫޢެއްގެ މަސައްކަތް ފަށާފައެވެ. އަދި އައު 18 މަޝްރޫއެއް ވަނީ އެމްޓީސީސީއާ ޙަވާލުކުރެވިފައެވެ. މާލީގޮތުން އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރަކީ ކާމިޔާބު ކުއާޓަރެކެވެ. އެގޮތުން އެމްޓީސީސީގެ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ މާލީ ނަތީޖާއަށް ބަލާއިރު އެ ކުއާޓަރުގައި 625.70 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 66.51 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. 2020 ވަނަ އަހަރު އެމްޓީސީސީން 408.76 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. އެއަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 98.77 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ