ފަނޑިޔާރަކަށް މައްސަލައަކުން ތަނާޒުލުވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން

އެއްވެސް ފަނޑިޔާރަކަށް މައްސަލައަކުން ތަނާޒުލު ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އެ ކޯޓުން މިއަދު ހަމަޖައްސައިފި އެވެ. އެ ކޯޓުގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފައިވާ އެ ކޯޓުގެ މި އަހަރުގެ ދެ ވަނަ އާންމު ސިޓީގައި ބުނެފައިވާ ގޮތުގައި މި ގޮތަށް ހަމަޖެއްސީ ފަނޑިޔާރުން އެ ގޮތަށް އަމަލުކުރެއްވުމުން އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތަށް ހުރަސް އެޅެމުން ދާތީ އެވެ. "މިހާރަކަށް އައިސް، ގިނަ ޢަދަދެއްގެ ފަނޑިޔާރުން މަގުބޫލު ސަބަބެއް ނެތި މައްސަލަތައް ބެލުމުން ތަނާޒުލުވަމުން ދިއުމާ ގުޅިގެން، އަވަސްކަމާއެކު ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފް ގާއިމްކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަން ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކާ ހަވާލުވެފައިވާ މައްސަލައަކުން ތަނާޒުލުވާން ވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2014 އާއްމު ސިޓީގައި ބުނެފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ހުއްދަ ގަވާއިދުން ލިބިގެން ކަމުގައި ދެންނެވީމެވެ،" އުއްތަމަ ފަނޑިޔާރު ސޮއިކުރައްވައި ނެރުނު ސިޓީގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ