ގުއަންޓަނާމޯބޭ މައްސަލައިގައި ފޮރިން މިނިސްޓްރީން ލިބުނު މައުލޫމާތުން އިތުރު ކަންބޮޑުވުންތަކެއް ހާމަވެގެން ގޮސްފައިވޭ: އަލީ ވަހީދު

19:00ގުއަންޓަނާމޯބޭ ޖަލުން ކުށްވެރިންތަކެއް ރާއްޖެ ގެންނަން ސަރުކާރުން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލަމުން ގެންދިޔައިރު، ފޮރިން މިނިސްޓްރީން ލިބުނު އިތުރު މައުލޫމާތުން އެކަމުގައި ހުރި އިތުރު ކަންބޮޑުވުންތައް ހާމަވެގެން ގޮސްފައިވާ ކަމަށް، އެ ކޮމިޓީގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.އެ މައްސަލައިގައި ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ކުރެވިފައިވާ މުއާމަލާތްތައް ހާމަނުކުރުމަށް، ކޮމިޓީގެ އެހެން މެންބަރުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެކަމާ ބެހޭ މައުލޫމާތު ދެއްވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ، އެފަދަ ލިޔުންތަކަކީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ކަމަށެވެ. އަދި އެއީ އެމެރިކާ ސަރުކާރާ ވެސް ގުޅުން ހުރި ލިޔުންތަކެއް ކަމުން އެ ލިޔުންތައް ހާމަނުކުރުމަށް އެދި ކޮމިޓީގެ މުގައްރިރަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެކަމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.އަލީ ވަހީދު އަދި ވިދާޅުވީ އެ މައްސަލަ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި ކުރިއަށްދިޔައިރު، އެކަމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިން ވިދާޅުވެފައިވާ ކަމަށް، ޕްރެސް ސެކްރެޓަރީ، މުހައްމަދު ޒުހެއިރު ވިދާޅުވަމުންދާ ވާހަކަފުޅުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެ ދެ ފަރާތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވެސް މައުލޫމާތު ދެއްވައިފާ ކަމަށާއި، ނަމަވެސް އެކަމާ ބެހޭ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.އެކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ރިޕޯޓްގައި ތަފްސީލް ހިމެނޭނެ ކަމަށާއި، އެ ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްދެއްވުން އަވަސްކޮށްދެއްވުމަށް މަޖިލީހުގެ ރައީސަށް ދަންންވާފައިވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ