ޖިންސީ ގޯނާގެ މައްސަލައެއްގައި ސީއެސްސީގެ ރައީސްކަމުން ފަހުމީ ވަކިކޮށްފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ފަހުމީ ހަސަން، އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި އޭނާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށް އޭނާ އެ މަގާމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިކޮށްފި އެވެ. ސީއެސްސީގެ ސީނިއާ ރިސާޗް އޮފިސަރެއްގެ މަގާމުގައި ހުރި އާމިނަތު ޝަހުމާ ހަލީމް، ،31 އަށް ފަހުމީ ޖިންސީ ގޯނާކުރައްވާފައިވާ ކަމަށް ބުނެ އޭނާ ހުށަހެޅުއްވި ޝަކުވާގެ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު، ނިންމީ ފަހުމީ އެ މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ. ކޮމިޓީގެ ނިންމުމާ ގުޅޭ ގޮތަށް ފާސްކުރަން ވޯޓަށް އެހުމުން، ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން 38 މެންބަރުން ތާއީދުކުރެއްވީ ފަހުމީ މަގާމުން ވަކިކުރުމަށެވެ. އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރަރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން ވިދާޅުވީ މި މައްސަލަ ހުށަހެޅުމުން މި ޝަކުވާ ހުށަހެޅި ޝަހުމާ އާއި ތުހުމަތު ރައްދުވާ ފަހުމީ ހާޒިރުކޮށް ދެ ފަރާތުގެ ވާހަކަތައް އަޑުއެހި ކަމަށެވެ. އަދި އެ ކޮމިޝަންގެ އެހެން ބައެއް މެމްބަރުންނާއި މުވައްޒަފުން ހާޒިރުކޮށް އެކަން ހިނގާފައިވާ ގޮތް އޮޅުންފިލުއްވި ކަމަށެވެ. ރިޕޯޓް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ އެ މީހުން ހާޒިރުކޮށް ހޯދި މައުލޫމާތަށް ބިނާކޮށް ކޮމިޓީގެ 10 މެންބަރުންގެ ތެރެއިން ހަތް މެންބަރުންނަށް ގަބޫލުކުރެވުނީ ފަހުމީ ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ކަންތައް އޭނާ ނުކުރައްވާ ކަމަށް ވުރެ ބޮޑަށް އޭނާ ކުރެއްވި ކަމަށެވެ. އޭގެ އިތުރުން މި ރިޕޯޓާ ބެހޭ ގޮތުން ކުރި ބަހުސްގައި ނަޝީދު ވިދާޅުވީ ފަހުމީގެ މައްޗަށް ޝަހުމާ ކުރި ތުހުމަތުތަކަށް، އެ ކޮމިޝަންގެ އެހެން މެންބަރުންނާއި މުވައްޒަފުންގެ ވާހަކަތަކުން ބާރު ލިބިދޭ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތަކުން ބަރީއަވުމަށް ފަހުމީ ދެއްކެވި ވާހަކަތަކަށް، އެހެން އެއްވެސް މީހެއްގެ ވާހަކަތަކުން ބާރު ލިބިފައިނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ކޮމިޓީގައި މި މައްސަލައިގައި ދެއްކެވި ވާހަކަތަކުގެ ތެދުކަމަށް ﷲ ގަންދީ ހުވާކުރަން ކެރިދާނެތޯ ޝަހުމާ އާއި ފަހުމީ ކުރަން ސުވާލުކުރުމުން އެ ގޮތަށް ހުވާކުރަން ކެރޭނެ ކަމަށް ޝަހުމާ ވިދާޅުވި އިރު ފަހުމީ ވަކި އެއްޗެއް ވިދާޅުނުވާ ކަމަށެވެ. އަދި މި ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ކޮމިޓީން ނިންމީ ގާނޫނު އަސާސީގެ 188 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންނުވާ ކަމެއް ފަހުމީ ކުރައްވާފައިވާ ކަމަށް ފެންނާތީ އޭނާ މަގާމުން އަމިއްލަ އަށް ވަކިވުމަށް ފުރުސަތެއް އެރުވުމަށެވެ. އަދި އެ ފުރުސަތުގައި ގޮތެއް ނުނިންމަވައިފި ނަމަ، އެ މަގާމުން ފަހުމީ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. ކޮމިޓީން އެ ގޮތަށް ނިންމުމާ ގުޅިގެން، މަގާމުން ވަކިވުމާ މެދު ގޮތެއް ނިންމެވުމަށް މަޖިލީހުގެ ރައީސް މެދުވެރިކުރައްވައި ޖުލައި 12 ގައި ފަހުމީ އަށް ދެންނެވި އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވަން ފަހުމީ ނިންމެވުމުން، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 6ގަ އެވެ. ފަހުމީ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަހުމީގެ ދިފާއުގައި މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ ޕީޕީއެމްގެ މެމްބަރުންނެވެ. ފަހުމީ މަގާމުން ދުރުކުރުމަށް ވަކާލާތުކުރެއްވީ އެމްޑީޕީ އާއި ޑީއާރްޕީގެ މެމްބަރުންނެވެ. ފަހުމީގެ ދިފާއުގައި ވަކާލާތުކުރެއްވި މެންބަރުން ޖުމްލަ ގޮތެއްގައި ވިދާޅުވީ މިއީ ޖިނާއީ ތަހުގީގެއް ވެސް ހިމެނޭ ކަމަކަށްވާތީ ޝަރުއީ މަރުހަލާ އިން އެކަން ނިންމުން ރަނގަޅުވާނެ ކަމަށާއި ފުލުހުންގެ ތަހުގީގު ނިމުމުން ނޫނީ ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށެވެ. އަދި މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށް ފަހު ފަހުމީ، ޝަހުމާ އަށް ޖިންސީ ގޯނާކުރި ކަމަށް ވެސް އަދި ނުކުރާ ކަމަށް ވެސް ސާބިތުނުވާ ކަމަށް އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވާ ކަމަށް ވެސް އެ މެމްބަރުން ބުނެފައިވާ އިރު، މިއީ އިތުރަށް ބަލައި ތަހުގީގުކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. ފަހުމީއާ ދެކޮޅަށް ވަކާލާތުކުރެއްވި މެމްބަރުންގެ ޖުމްލަ ވާހަކައަކަށްވީ، މިއީ ސަރުކާރުގެ ވެސް އަދި އަމިއްލަ އޮފީސްތަކުގައި ވެސް ވަރަށް ބޮޑަށް އަށަގެންފައިވާ މައްސަލައެއް ކަމަށާއި އެ ކަމާ މެދު ހަރުކަށި ފިޔަވަޅު އަޅައި އަންހެނުންނަށް ކުރިމަތިކުރާ ގޯނާތައް ހުއްޓުވަންޖެހޭ ކަމަށެވެ. ސީއެސްސީގެ ރައީސް އެ މަގާމުން ވަކިކުރަން ފާސްކުރުމާ ގުޅިގެން، އެ ކޮމިޝަންގެ މެމްބަރުކަމުން ވެސް ފަހުމީ ވަކިވީ ކަމަށް މަޖިލީހުގެ ރިއާސަތުން އަބްދުﷲ ޝާހިދު މިއަދު އިއުލާންކުރެއްވި އެވެ. ސީއެސްސީގެ ރައީސްކަމުން ވަކިކުރުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން ވެސް ފަހުމީ ވަކިވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ